ޔަންގުން (އޮގަސްޓް 21) - މިއަންމާ އިން މީޑިއާ ސެންސަޝިޕް އުވާލައިފި ކަމަށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
މިއީ އެ ގައުމުގެ މަދަނީ ސަރުކާރުން ތައާރަފް ކުރަމުންދާ އިސްލާހީ ބަދަކުތަކުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
"މީޑިއާ ސެންސަރު ކުރުން ވަނީ އޮގަސްޓް ،20 2012 އިން ފެށިގެން އުވާލައިފައި،" އިންފޮމޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
މިއަންމާގައި މީގެ ކުރިން ނޫސްތަކުގައި ޖަހާ ލިޔުންތައް ޝާއިއުކުރުމުގެ ކުރިން ސެންސަރު ކުރެ އެވެ. އަދި ލަވަތަކާއި ވާހަކަތައް ވެސް ނެރުމުގެ ކުރިން ފާސް ކުރަން ޖެހެ އެވެ.
މިއަންމާގެ އަސްކަރީ ސަރުކާރު މިދިޔަ އަހަރު ނިމުމަކަށް އައި ފަހުން ތައާރަފް ކުރަމުންދާ ސިޔާސީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ވަރަށް ގިނަ ލުއިތައް ދަނީ ދެމުންނެވެ.
ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ތެއިން ސެއިން މިއަންމާގެ ރައީސްކަމުގެ މަގާމަށް މިދިޔަ އަހަރު ވަޑައިގެންނެވި ފަހުން ސިޔާސީ ވަރަށް ގިނަ ކުށްވެރިން ވަނީ ދޫކުރަން ފަށައިފަ އެވެ. އަދި މިއަންމާގެ ޑިމޮކްރެސީ ލީޑަރު އައުން ސަންގް ސޫޗީ ވަނީ ގޭބަންދުން މިނިވަންވެ އާއްމު އިންތިޚާބުގައި ވާދަކުރައްވައިގެން ޕާލަމެންޓުން ގޮނޑިއެއް ވެސް ހޯއްދަވައިފަ އެވެ. --އޭއެފްޕީ

0 comment