ދުނިޔެ

އަސާންޖުގެ މައްސަލައިގައި އިކުއެޑޯ އަށް އިނގިރޭސިން ޕްރެޝަރު ކުރަނީ

ހަސަން އާމިރު
21 އޯގަސްޓް 2012 14:35 2 ކޮމެންޓު
  • އިކުއެޑޯ އެމްބަސީގެ ބެލްކަންޏަށް ނުކުންނަވާ އަސާންޖު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އަސާންޖުގެ މައްސަލާގައި އިނގިރޭސި ވިލާތާއި އިކުއެޑޯގެ ގުޅުން ވަނީ ގޯސްވެފައި. --ފޮޓޯ/އޭއެފްޕީ

ލަންޑަން (އޮގަސްޓް 21) - ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖުގެ މައްސަލައިގައި އިނގިރޭސި ވިލާތުން އިކުއެޑޯ އަށް ޕްރެޝަރު ކުރަމުން ދަނިކޮށް އިކުއެޑޯ އިން އިންޒާރުތަކެއް ދޭން ފަށައިފި އެވެ.

އަސާންޖު ވަނީ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގެ ހިމާޔަތް މިދިޔަ ޖޫން މަހު ހޯއްދަވައިފަ އެވެ. އަދި އޭގެ ފަހުން އަސާންޖަށް އިކުއެޑޯ އިން ވަނީ ސިޔާސީ ހިމާޔަތް ދީފަ އެވެ. ނަމަވެސް އަސާންޖު ސްވިޑަން އަށް ފޮނުވާލުމަށް ޓަކައި އިނގިރޭސި ވިލާތުން ދަނީ އެމްބަސީ އަށް ވަންނަން ޖެހިދާނެ ކަމުގެ އިންޒާރު ދެމުންނެވެ. ސްވިޑަންގައި ދަނީ އަސާންޖުގެ ބަދުއަޚުލާގީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

އިކުއެޑޯގެ ރައީސް ރަފޭލް ކޯރިއާ ވިދާޅުވީ އިކުއެޑޯގެ އެމްބަސީ އަށް ގަދަބާރުން އިނގިރޭސި ވިލާތުން ވަދެއްޖެ ނަމަ އެއީ ޑިޕްލޮމެޓިކް ގޮތުން "އަމިއްލަ އަށް މަރުވުން ފަދަ" އަމަލެއް ކަމަށެވެ.

ކޯރިއާ ވިދާޅުވީ އަސާންޖު ހައްޔަރު ކުރުމަށް އިނގިރޭސި ވިލާތުން ގަދަބާރުން އެ ގައުމުގެ އެމްބަސީ އަށް ވަދެއްޖެ ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އިނގިރޭސި ވިލާތުގެ އެމްބަސީތަކަށް ވެސް ހިމާޔަތެއް ނޯންނާނެ ކަމަށެވެ.

އިކުއެޑޯގެ ރައީސް ވިދާޅުވީ ގަދަބާރުން އެ ގައުމުގެ އެމްބަސީ އަށް ވަދެއްޖެ ނަމަ އދ. އަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

އިނގިރޭސި ވިލާތުން ބުނެފައި ވަނީ އަސާންޖަށް އިކުއެޑޯ އިން ސިޔާސީ ހިމާޔަތް ދިން ނަމަ ވެސް އޭނާ އަށް އެ ގައުމުން ފުރައިގެން ނުދެވޭނެ ކަމަށެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait