ބަމަކޯ (އޮގަސްޓް 21) - ސިފައިންގެ ބަޣާވާތަކުން މިދިޔަ މާޗު މަހު ވެރިކަން ވައްޓާލި، އެފްރިކާގެ އެންމެ ޑިމޮކްރެޓިކް ގައުމުގެ ގޮތުގައި ކުރިން މަޝްހޫރުވެފައި އޮތް މާލީގައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމްކޮށްފި އެވެ.
އާ ސަރުކާރުގައި ބޮޑު ވަޒީރަކީ ޗެއިކް މޮޑިބޯ ޑަޔާރާ އެވެ. ވަގުތީ ސަރުކާރުގައި 31 މިނިސްޓަރުން ހިމެނޭ އިރު ބަޣާވާތުގެ ލީޑަރު ކެޕްޓަން އަމަޑޮއޫ ސަނޯގޯއާ ގާތް ގުޅުން އޮންނަ ފަސް ބޭފުޅަކަށް ވެސް ވަނީ ވަޒީރުކަން ދީފަ އެވެ.
މާލީގައި ގައުމީ އެއްބައިވަންތަކަމުގެ ވަގުތީ ސަރުކާރެއް ގާއިމްކުރީ ބޭރުގެ ފިއްތުންތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ. މާޗު މަހުގެ ބަޣާވާތަށް ފަހު ގައުމުގެ ދާޚިލީ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. އިސްލާމީ ހަނގުރާމަވެރިންގެ ޖަމާއަތްތަކުން ވަނީ ގައުމުގެ އުތުރުގެ ހިސާބުތަކުގައި ހަނގުރާމަ ފަށައިފަ އެވެ. އަދި ވަރަށް ގިނަ ރަށްތައް ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
ބަޣާވާތާ ދެކޮޅަށް މުޒާހަރާ އަށް މިދިޔަ މެއި މަހު ނުކުތް ބަޔަކު ވަނީ މާލީގެ ރިއާސީ ގަނޑުވަރަށް ވަދެ، ވަގުތީ ރައީސް ޑިއޮކުންޑާ ޓްރައޯރޭ އަށް ހަމަލާދީ އޭނާ ޒަޚަމްކޮށްލައިފަ އެވެ. އޭނާގެ އިސްތިއުފާ އަށް ގޮވާލައި މުޒާހަރާކުރި މީހުން ގަނޑުވަރު ތެރޭގައި މައިތިރިކޮށްފައި ވަނީ ބަޑި ޖަހައިގެންނެވެ.
ވަގުތީ ރައީސަށް ހަމަލާ ދީނީ ބަޣާވާތުގެ ލީޑަރު، ކެޕްޓަން އަމަޑޮއޫ ސަނޯގޯ އަށް ވަފާތެރި މީހުންނެވެ.
މާލީގެ ވެރިކަން ސިފައިންގެ ބަޣާވާތެއްގައި ވައްޓާލީ މާޗް 22 ވަނަ ދުވަހު އެވެ. ސިފައިން ސަރުކާރާ ދެކޮޅަށް ނުކުތީ ވަކިވެ ގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާ ދެކޮޅަށް ނެރޭ ސިފައިންނަށް އެކަށީގެންވާ ހަތިޔާރު ފޯރުކޮށްނުދޭ ކަމަށް ބުނެ އެވެ.

އެމްޑީޕީގެ މުޒާހަރާ
0 comment