ދުނިޔެ

އިތިއޮޕިއާގެ ބޮޑުވަޒީރު އަވަހާރަވުމުން އެ ގައުމުގައި ގައުމީ ހިތާމަ

ހަސަން އާމިރު
21 އޯގަސްޓް 2012 15:05 2 ކޮމެންޓު
  • އިތިއޮޕިއާގެ އަވަހާރަވި ބޮޑު ވަޒީރު މެލެސް: އަވަހާރަވި ސަބަބެއް ހާމަކޮށްފައެއް ނުވޭ.

އަޑިސް އަބާބާ (އޮގަސްޓް 21) - އިތިއޮޕިއާގެ ބޮޑު ވަޒީރު މެލެސް ޒެނަވީ އަވާހަރަވުމާ ގުޅިގެން އެ ގައުމުގައި ގައުމީ ހިތާމަ މިއަދު އިއުލާންކޮށްފި އެވެ. އަދި ސަރުކާރު ހިންގުމާ ވަގުތީ ގޮތުން ވަނީ ބޮޑު ވަޒީރުގެ ނައިބް ހައިލެމަރިއަމް ޑެސަލެން ހަވާލުވެވަޑައިގެންފަ އެވެ.

އިތިއޮޕިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑު ވަޒީރު އަވަހާރަވެއްޖެ ނަމަ އޭނާގެ ނައިބް މަގާމުގެ ހުވާ ކުރަން ޖެހޭނީ ޕާލަމެންޓުގެ ޖަލްސާއެއްގަ އެވެ. ނަމަވެސް އެ ގައުމުގެ ޕާލަމެންޓް ޗުއްޓީގައި އޮތުމުން އެންމެ އަވަހަށް ވެސް ޖަލްސާއެއް ޝެޑިއުލްކޮށްފައި ވަނީ ސެޕްޓެމްބަރު 11 އަށެވެ.

ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ވީހާ ވެސް އަވަހަކަށް ޕާލަމެންޓުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަށެވެ.

ހައިލެމަރިއަމް، ،47 އަކީ ބޮޑު ވަޒީރުގެ ނައިބުގެ އިތުރުން އެ ގައުމުގެ ޚާރިޖީ ވަޒީރު ވެސް މެ އެވެ.

އިތިއޮޕިއާގެ އަވަހާރަވި ބޮޑު ވަޒީރު މެލެސް އާއްމު ތަންތަނަށް ނުކުމެވަޑައިނުގަންނަވާތާ ދެ މަހެއްހާ ދުވަސް ވެދާނެ ކަމަށް އޮފިޝަލުން ޚަބަރު ދެ އެވެ. އަދި ބައެއް ޚަބަރުތައް ބުނާ ގޮތުގައި އޭނާ ގެންދެވީ ބްރަސެލްސްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. މެލެސް އެންމެ ފަހުން ފެނިފައި ވަނީ ޖޫން މަހު މެކްސިކޯގައި ބޭއްވި ޖީ 20 ސަމިޓުގަ އެވެ.

މެލެސް އަވަހާރަވާން ދިމާވި ސަބަބެއް ސަރުކާރުގެ ތަރުޖަމާން ވިދާޅެއް ނުވެ އެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުފުޅުން 57 އަހަރުގެ މެލެސް ވަނީ 1991 ވަނަ އަހަރުން ފެށިގެން 1995 އަހަރާ ހަމައަށް އިތިއޮޕިއާގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ އެ އަހަރު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަމުގެ މަގާމުގައި ދެމިހުންނެވީ ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކާ އެކު އެވެ. --އޭއެފްޕީ

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait