ހޮން ކޮންގް (ޑިސެމްބަރު 13) - މި ގަރުނުގައި ވެސް އަންނާނެ އެންމެ ރީތި ތާރީޚު ކަމުގައިވާ 12- 12- 12 ގައި އޭޝިޔާގައި ގިނަ ކައިވެނިތަކެއް އިއްޔެ ކޮށްފި އެވެ.
ހޮންކޮންގައި 696 ކައިވެނި އިއްޔެ ކުރިއިރު ސިންގަޕޫރުގައި ވަނީ 540 ކައިވެނިކޮށްފަ އެވެ. މިއީ ހޮންކޮންގައި އާއްމުކޮށް ދުވާލަކު ކައިވެނިކުރާ މީހުންގެ ހަތަރު ގުނަ އިތުރު އަދަދެކެވެ. އަދި ސިންގަޕޫރުގައި ދުވާލަކު ކައިވެނި ކުރާ އެވްރެޖަށް ވުރެ އަށް ގުނަ އިތުރު އަދަދެކެވެ.
ހޮންކޮންގާއި މެލޭޝިޔާގައި ވަނީ 11- 11- 11 އަދި 10- 10- 10 ގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ކައިވެނިކޮށްފަ އެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ޒިންހުއާ އިން ބުނި ގޮތުގައި އެ ގައުމުގެ ސިޓީތަކުގައި ވެސް އިއްޔެ ވަނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކައިވެނިކޮށްފަ އެވެ.
އިއްޔެ ހޮންކޮންގުން ކައިވެނި ކުރި އުމުރުން 34 އަހަރުގެ މީހަކު ބުނި ގޮތުގައި އެއީ އޭނާ ވަރަށް ޚާއްސަ ދުވަހެކެވެ.
"ދެން 13- 13- 13 އެއް ނާންނާނެ. އެހެންވެ އިއްޔެގެ ރީތި ތާރީޚާ ދިމާކޮށް ކައިވެނި ކުރުމަށްޓަކައި ހަ މަސް ކުރިން އަހަރެން ވަނީ ރަޖިސްޓްރީކޮށްފައި،" އޭނާ ބުންޏެވެ.
އުމުރުން 29 އަހަރުގެ ގްރޫމް ޓެރެންސް ފަންގް ބުނި ގޮތުގައި ގަރުނުގައި ވެސް އަންނާނެ އެންމެ ރީތި ތާރީޚުގައި ކައިވެނި ކުރެވުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ރީތި ތާރީޚާ ދިމާކޮށް ކައިވެނި ކުރި މީހުންގެ ތެރެއިން އިންޑިއާގެ ދެ މީހަކު ޚާއްސަވެ އެވެ. މި ދެ މީހުން އިއްޔެ ރަސްމީކޮށް ކައިވެނި ކުރިއިރު އެ މީހުން އެންގޭޖްކުރީ 10- 10- 10 ގަ އެވެ. އެ މީހުންގެ ކައިވެނި ރަޖިސްޓްރީ ކުރީ 11- 11- 11 ގަ އެވެ.
ހޮންކޮންގައި 11- 11- 11 ގައި ވަނީ 1،002 ކައިވެނިކޮށްފަ އެވެ. އަދި 10- 10- 10 ގައި 859 ކައިވެނި އެ ގައުމުގައި ކުރި އެވެ. ސިންގަޕޫރުގައި 11- 11- 11 ގައި 553 ކައިވެނި ކުރިއިރު 10- 10- 10 ގައި ކޮށްފައި ވަނީ 724 ކައިވެންޏެވެ.
މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި އިއްޔެ 289 ކައިވެނި ކުރިއިރު ވެރިރަށާއި ކައިރި އެހެން ރަށްތަކުގައި 306 ކައިވެންޏެއް ވަނީ ކޮށްފަ އެވެ.
ދުވަސްފުރެން ކައިރިވެފައި ތިބި އަންހެނުން އިއްޔެގެ ތާރީޚާ ދިމާކޮށް ވަނީ ސިޒޭރިއަން ވެސް ހަދައިފަ އެވެ. މި ގޮތުން ޖަކާޓާގެ އެއް ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދަން އިއްޔެ ވަނީ 12 އަންހެނަކު ރަޖިސްޓްރީކޮށްފަ އެވެ. --އޭއެފްޕީ


މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment