ރައީސް ނަޝީދު

އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ޑެންމާކުން ވަނީ ދީފައި: ނަޝީދު

ފަޒީނާ އަހުމަދު
18 އެޕްރީލް 2013 10:17 63 ކޮމެންޓު
  • ޑެންމާކުގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިނިސްޓަރާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ: އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މާހައުލާއި އެހީލިބުމުގައި ހުރި ދަތިތަކުގެ މައްޗަށް އެ ދަތުރުފުޅުގައި މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި --ފޮޓޯ:އެމްޑީޕީ

ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން ޑެންމާކުން ދެއްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑެންމާކަށް ކުރެއްވި ދަތުރުފުޅަށް ފަހު ހެނދުނު މާލެވަޑައިގެން "ހަވީރަ"ށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ ދަތުރުފުޅުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޑެންމާކު ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ. ރާއްޖޭގައި ބާއްވާ އިންތިހާބަކީ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް، މިނިވަން އިންސާފުވެރި އިންތިހާބެއްތޯ ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހިނގާ ކަންކަން ވަރަށް ގާތުން ބަލައި، ރާއްޖޭގެ ޑިމޮކްރަސީ ނެގެހެއްޓުމަށް ވެސް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވޭ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް ޑެންމާކުގެ ޕާލިމެންޓް މެމްބަރުންގެ އަރިހުގައި ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"އިންތިހާބުގައި އަޅުގަނޑަށް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ޑެންމާކުން ދިން،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމަށް ފުލުހުން ވަމުންދާ ތައްޔާރީތަކަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވެފައި އޮތް އިރު، ފުލުހުން އެ އިންތިހާބަށް މާބޮޑަށް ތައްޔާރުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ތައްޔާރުވާން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވޭ އިންތިހާބަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް [ޕޮލިސް ކޮމިޝަނަރު[ އަބްދުﷲ ރިޔާޒު ވިދާޅުވަމުން ގެންދަވާތީ. ބަޣާވާތްކޮށްގެން ތިބި ބޭފުޅުންނަށް ވަރަށް ބޮޑަށް ސާފުވޭ އަޅުގަނޑުމެންނަށް އެއްބުރުން އިންތިހާބު ކާމިޔާބުވާނެކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގައި ނަޝީދު ވަނީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިނިސްޓަރު ކްރިސްޓިއަން ފްރީސްއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މާހައުލާއި ތަރައްގީގެ ކަންކަމަށް އެހީލިބުމުގައި ހުރި މައްސަލަތައް ހިއްސާކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ އެ ބައްދަލުވުމުގައި، އެމްޑީޕީގެ ވެރިކަމުގައި ޑެންމާކުން އެހީގެ ގޮތުގައި ރާއްޖެ އަށް ކަނޑައަޅާފައިވާ 10 މިލިއަން ޑޮލަރާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކޮންމެ ބަޔަކު ސަރުކާރުގައި ތިބި ނަމަވެސް ރާއްޖެ އަށް އެހީދިނުމަށް އެދިވަޑައިގެންނެވި ކަމަށާއި އެހެންކަމުން އެ ފައިސާ ރާއްޖެ އަށް ހަމަޖެހިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަޒީރުންގެ މަޖިލީސް ޕާޓީތަކަށް ބަހާލައިގެން ވެރިކަން ހިންގުމަށް އެމްޑީޕީން ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އިންތިހާބުގައި ޕާޓީތަކުން އެމްޑީޕީއާ ގުޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޑެންމާކުގެ ކޯޕަންހޭގަން ޔުނިވަސިޓީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. އެ ތަގުރީރުގައި ދުނިޔޭގެ ސިޔާސީ މާހައުލު ބައްޓަންވެފައި އޮތީ ތެލާއި ހަކަތައިގެ ސިޔާސަތުގެ މައްޗަށް ކަމަށް ވިދާޅުވެ، ކާބަން ނިއުޓްރަލް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވި އެވެ.

63 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait