ބައިރޫތު (އޮގަސްޓް 13) - ލީބިއާގެ ޒަމާންވީ ވެރިކަން ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ފަރާތްތައް ނުކުތުމުން އުފެދުނު ހަމަނުޖެހުންތަކުގައި އދ. ގެ ސަލާމަތީ މަޖިލީހުން، އުދުހުން މަނާ ސަރަހަދެއްގެ ގޮތުގައި ލީބިއާ ކަނޑައެޅި ގޮތަށް ސީރިއާ ވެސް އުދުހުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން އެދިއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި، ސީރިއާގެ އިދިކޮޅު އިއްތިހާދު، ސީރިއަން ނެޝެނަލް ކައުންސިލްގެ ރައީސް އަބްދުލްބާސިތު ސައިދާ ވިދާޅުވީ އުދުހުން މަނާ ސަރަހައްދެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސީރިއާގެ ވައިގެ ސަރަހައްދު ކަނޑައަޅައިފި ނަމަ އެކަން ވެގެންދާނީ ބައްޝާރުގެ ސަރުކާރު ހޭލައްވާލުމަށް ދެވޭ އިންޒާރުގެ ރަނގަޅު މެސެޖަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ސީރިއާގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާކުރުމަކީ، ބައްޝާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔެ އޮތްކަން ސާބިތުވެގެންދާނެ ކަމެއް ކަމަށެވެ.
އުދުހުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ވައިގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެގައުމުގެ އިދިކޮޅު އިއްތިހާދުން އެދިފައިވާއިރު ބައްޝާރުގެ ސިފައިން ދަނީ އެއްގަމާއި ވައިގެ މަގުން އިދިކޮޅު ހަނގުރާމަވެރިންނަށް ވަރުގަދަ އަށް ހަމަލާ ދެމުންނެވެ. މި ކުރިމަތިލުން މިހާރު އެންމެ ވަރުގަދަވެފައި ވަނީ ސީރިއާގެ ވިޔަފާރީގެ މައި ރަށް، ހަލަބްގަ އެވެ.
ސައީދާ ވިދާޅުވީ އުދުހުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާ ކަނޑައެޅުމުގެ ބާރު ދޫކޮށްލައްވާނީ ބައިނަލްއަގުވާމީ މުޖުތަމަ އަށް ކަމަށެވެ. އދ. ގެ ސަލާމަތީ މަޖިލީހުން ލީބިއާ ވެސް އުދުހުން މަނާ ސަރަހައްދަކަށް ހެދީ އޭރުގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ސިފައިން ވައިގެ މަގުން އާންމުންނަށް ހަމަލާދޭ މައްސަލަ ބޮޑުވުމުންނެވެ.
އަދި އެންމެފަހުން ލީބިއާގެ ސިފައިންނާ ދެކޮޅަށް ނޭޓޯ އާއި އެމެރިކާގެ ވައިގެ ސިފައިން ނުކުމެ ހަމަލާތަކެއް ދިނީ، އދ. ގެ ގަރާރު ތަންފީޒުކުރަން ގައްޒާފީގެ ސަރުކާރުން ދެކޮޅުހެދުމުންނެވެ.
ސީރިއާގައި ވެސް އެގޮތަށް އުދުހުން މަނާކުރުމަށް އެހީވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާއިރު އެމެރިކާ އާއި ތުރުކީން އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެތުރިފަ އެވެ.
ސީރިއާގައި މިދިޔަ އަހަރުގެ މާޗް މަހު ފެށި މުޒާހަރާތަކާ އެކު އުފެދުނު ހަމަނުޖެހުންތައް އެންމެ ފަހުން ދާހިލީ ވަރުގަދަ ހަނގުރާމަ އަކަށް ބަދަލުވެފައިވާއިރު ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 21،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ދުނިޔެ އިން ހުށަހެޅި ސުލްހައިގެ އެއްވެސް ހުށަހެޅުމަކަށް ސީރިއާ ސަރުކާރުން ކިޔަމަނެއް ނުވެ އެވެ. --އޭއެފްޕީ

ގައުމީ އިއްތިހާދުގެ ޖަލްސާ
0 comment