ހަލަބް، ސީރިއާ (އޮގަސްޓް 15) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ބަލިކަށިވެ، އޭނާގެ ވެރިކަން ނިމުމަކަށް އައުމުގެ ކޮޅުމަތި ފެނިފައިވާ ކަމަށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ.
ބައްޝާރުގެ ސަރުކާރު ދޫކޮށްލުމަށް ފަހު ކުރީގެ ބޮޑު ވަޒީރު ރިއާދު ހިޖާބު ވަނީ ފިއްލަވައިގެން ޖޯޑަން އަށް މިދިޔަ ހަފުތާގައި ވަޑައިގެންފަ އެވެ. ހިޖާބާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު މިހާރު ވަނީ އުވާލައިފަ އެވެ.
"ސީރިއާގެ ބިމުން ބައްޝާރުގެ ސަރުކާރަށް މިހާރު ކޮންޓްރޯލް އޮތީ 30 ޕަސެންޓް. އަސްކަރީ އަދި އިގްތިސާދީ ގޮތުން ސީރިއާ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި،" އައްމާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިޖާބު ވިދާޅުވި އެވެ. "ސީރިއާގައި އަސްކަރީ އޮފިޝަލުން ވަރަށް ގިނަ. އެމީހުން ވެސް މިހާރު ތިބީ އިދިކޮޅު ފަރާތްތަކާ ގުޅޭނެ ވަގުތެއްގެ އިންތިޒާރުގައި."
ބައްޝާރުގެ ސަރުކާރުގައި ހިމެނޭ އިސް ވެރިން ގައުމު ދޫކޮށް ފިއްލަވައިގެން ވަޑައިގަންނަވާތީ ސީރިއާ ސަރުކާރަށް ވަނީ ކޮންމެވެސް ވަރެއްގެ ލޮޅުންތައް އަރައިފަ އެވެ.
އަނެއްކޮޅުން، މައްކާގައި މިއަދު ފެށި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ސަމިޓުގައި ވަނީ 57 މެންބަރުންގެ ޖަމާއަތުން ސީރިއާ ސަސްޕެންޑް ކުރުމަށް ހުށަހަޅައިފަ އެވެ. އޯއައިސީން މި ފިޔަވަޅު އަޅައިފި ނަމަ ސީރިއާ އިތުރަށް އެކަހެރިވެގެންދާނެ އެވެ. އަރަބި ލީގުން ވެސް ސީރިއާ މިދިޔަ އަހަރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އޯއައިސީ އަކީ 1.5 ބިލިއަން މުސްލިމުން ތަމްސީލު ކުރާ ޖަމާއަތެކެވެ. ނަމަވެސް މި ޖަމާއަތުން ސީރިއާ ސަސްޕެންޑް ކުރުމަށް އީރާނުން ދެކޮޅު ހަދަ އެވެ. --އޭއެފްޕީ

ފޮޓޯ އިން ހަބަރު
0 comment