މިސްރު

މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ވެރިން މަގާމުން ދުރުކޮށްފި

ހަސަން އާމިރު
04 ފެބުރުއަރީ 2012 12:59 1 ކޮމެންޓު
  • ހަމަނުޖެހުން ހިންގި މިސްރުގެ ޕޯޓް ސައިދުގެ ސްޓޭޑިއަމް: ބުދަ ދުވަހުގެ ހާދިސާގައި 74 މީހުން ވަނީ މަރުވެފައި. --ފޮޓޯ/އޭއެފްޕީ

ގާހިރާ (ފެބްރުއަރީ 3) - މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ވެރިން މަގާމުން ދުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަނުގެ ހުރިހާ ވެރިން މަގާމުން ދުރުކުރީ މިދިޔަ ބުދަ ދުވަހު ކުޅުނު ފުޓުބޯޅަ މެޗަކަށް ފަހު ސަޕޯޓަރުން ދަނޑަށް އަރާ މަރާމާރީ ހިންގާ 74 މީހަކު މަރާލި ހާދިސާ އަށް ފަހު އެވެ.

ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ކަމާލް އަލް ގަންޒޫރީ ވިދާޅުވީ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކަށް ފުޓުބޯޅަ އެސޯސިއޭޝަނުން ވެސް ޒިންމާވާން ޖެހޭނެ ކަމަށާއި އެހެންވެ އެސޯސިއޭޝަނުގެ ޑިރެކްޓަރާއި މެނޭޖްމަންޓް ވަކިކޮށްފައިވާ ކަމަށެވެ.

ހަމަނުޖެހުން ހިންގި ޕޯޓް ސައިދުގެ ގަވަރުނަރު ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށް ގަންޒޫރީ ވިދާޅުވި އެވެ. އަދި އޭނާގެ އިސްތިއުފާ ގަބޫލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިސްރުގައި ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން އެކަމާ ބެހޭ ފުރިހަމަ ރިޕޯޓެއް ތައްޔާރު ކުރުމަށް ފީފާ އިން ވަނީ އަންގައިފަ އެވެ. --އޭއެފްޕީ

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait