ފީފާ

މިސްރުގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ފީފާ އިން އެހީ ދީފި

ހަސަން ޝިފާން
08 ފެބުރުއަރީ 2012 11:55 2 ކޮމެންޓު
  • މިސްރުގެ އަލް އަހުލީ އާއި އަލް މަސްރީ ބުދަ ދުވަހު ކުޅުނު ފުޓުބޯޅަ މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރަނީ: މި މެޗަށް ފަހު ހިންގި ހަމަނުޖެހުންތަކުގައި 74 މީހުން މަރުވި. --ފޮޓޯ/އޭއެފްޕީ

ޖެނީވާ (ފެބްރުއަރީ 8) - މިދިޔަ ހަފުތާގައި މިސްރުގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން އުފެދުނު ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ފީފާ އިން ފައިސާގެ އެހީއެއް ދީފި އެވެ.

މިސްރުގެ އަލް އަހުލީ އާއި އަލް މަސްރީ ކުޅުނު މެޗަށް ފަހު ހަމަނުޖެހުން ހިނގަން މެދުވެރިވީ އަލް މަސްރީގެ ސަޕޯޓަރުން ދަނޑަށް އަރާ ތަޅާފޮޅަން ފެށުމުންނެވެ. މި ހާދިސާގައި ވަނީ 74 މީހުން މަރުވެފަ އެވެ. ޕޯޓް ސައިދުގައި ކުޅުނު މި މެޗުން މަސްރީ މޮޅުވި ނަމަވެސް ގާހިރާގެ އަލް އަހުލީގެ ކުޅުންތެރިންނަށް ހަމަލާ ދިނުމަށް މަސްރީގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައިފަ އެވެ.

ފީފާ އިން ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 250،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. ފީފާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާ ޖަމާކުރާނީ އަލް އަހުލީ އިން ހުޅުވައިފައިވާ ޗެރަޓީ އަކައުންޓަކަށް ކަމަށެވެ.

ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމަށް ފީފާގެ ރައީސް ޖޯސެޕް ބްލެޓާ ވަނީ ގޮވާލައްވައިފަ އެވެ.

"އަހަރެން އެ ހާދިސާ އަށް ފަހު ބުނިން އެއީ ފުޓްބޯޅަ އަށް ކަޅު ދުވަހެކޭ. އަހަރެން އަދިވެސް މި ހުރީ އެ ހާދިސާއާ މެދު ހައިރާންވެފައި. މަރުވި ގިނަ މީހުންނަކީ ޒުވާނުން. އޭގެ ތެރެއިން ކޮންމެ މީހަކީ އެ މީހެއްގެ އާއިލާ އަށް ވަރަށް މުހިންމު މީހެއް. މިއީ އެ މީހުންނަށް އެހީއަކަށް ބޭނުންވެފައިވާ ވަގުތު. ފުޓްބޯޅަ ކޮމިއުނިޓީން އެ މީހުންނަށް އެހީވާންޖެހޭ،" ބްލެޓާ ވިދާޅުވި އެވެ. -- އޭއެފްޕީ

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait