ވެރޯނާ (އޭޕްރިލް 10) - ކިއޭވޯ އަތުން 1- 0 އިން މޮޅުވެ މަދުވެގެން 24 ގަޑިއިރަށް އޭސީ މިލާން އަލުން އިޓާލިއަން ލީގުގެ އެއްވަނަ އަށް އަރައިފި އެވެ.
މިލާން އެއް ވަނައިގައި 67 ޕޮއިންޓާ އެކު އޮތްއިރު އެއް މެޗު މަދުން ކުޅެފައިވާ ޔުވެންޓަސް ދެ ވަނައިގައި އޮތީ 65 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި 54 ޕޮއިންޓާ އެކު އޮތް ލާޒިއޯ އަތުން މިރޭ އަމިއްލަ ދަނޑުގައި މޮޅުވެއްޖެ ނަމަ ޔުވެންޓަސް އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ޔުވެންޓަސް އެންމެ ފަހުން އެއް ވަނަ އަށް އެރީ ވެސް ހޮނިހިރު ދުވަހުގެރޭ ފިއޮރެންޓީނާ އަތުން މިލާން ބަލިވުމުންނެވެ.
ވެރޯނާގައި ރޭ ކުޅުނު މެޗުގައި މިލާނުގެ ހަމައެކަނި ލަނޑު ނުވަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގާނާގެ މިޑްފީލްޑަރު ސުލޭ އަލީ މުންޓާރީ އެވެ. އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މިލާނުގެ 14 ކުޅުންތެރިން ޓީމުގައި ނުހިމެނޭއިރު އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ހަ ކުޅުންތެރިން ރޭ ނުކުޅެ އެވެ.
މެޗަށް ފަހު މިލާނުގެ ކޯޗު މަސީމޯ އެލެގްރީ ވަނީ އޭނާގެ ޓީމާ ދެކޮޅަށް މީޑިޔާ އިން ކެމްޕެއިންކުރި ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"އަހަރެމެން ފިއޮރެންޓީނާ އަތުން ބަލިވުމުން ވަރަށް ގިނަ ބަޔަކު އުފާކުރި. އެކަމަކު އަހަރެމެން މިއޮތީ އެނބުރި އައިސް. އަހަރެމެންނަށް އެނގޭ މިރޭ ބަލިވެ ނުވަތަ އެއްވަރުވިޔަސް ލީގު ހޯދުމުގެ ރޭހުން ބޭރުވާނެކަން. އަހަރެމެން ހަތަރު ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު މީޑިޔާ ކެމްޕެއިނެއް ކުރިއަށް ދިޔަ އަހަރެމެން ބަލިކުރަން،" ބާސެލޯނާ އަތުން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިދިޔަ ހަފުތާގައި ކެޓި ޓީމުގެ ކޯޗު ބުންޏެވެ.
އިޓާލިއަން ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ތާވަލުގެ ހަތަރު ވަނައިގައި އޮތް އުދިނޭޒީ އާއި ހަ ވަނައިގައި އޮތް ރޯމާގެ މެޗާއި ފަސް ވަނައިގައި އޮތް ނަޕޯލީ އާއި އެޓްލާންޓާގެ މެޗު ހިމެނެ އެވެ. މީގެ އިތުރުން ހަތް ވަނައިގައި އޮތް އިންޓަ މިލާނުން މިރޭ ނުކުންނާނީ ސިއެނާއާ ދެކޮޅަށެވެ.

0 comment