ލަންޑަން (މެއި 8) - ލިވަޕޫލް އަތުން 4- 1 އިން ރޭ ބަލިވުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ކްލަބުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ޗެލްސީ އަށް ގެއްލިއްޖެ އެވެ.
ލީގުގެ ގަދަ ހަތަރު ޓީމު ތެރޭ ހިމެނިގެން އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޗެލްސީ އަށް ގެއްލުމުން، އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވާން އެ ޓީމަށް އޮތް ހަމައެކަނި މަގަކީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކާމިޔާބުކުރުމެވެ. އެހެން ވެއްޖެ ނަމަ ޕްރިމިއާ ލީގުގެ ހަތަރު ވަނަ ޓީމަށް ޖާގަ ގެއްލޭނެ އެވެ. ޔުއެފާގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ގައުމެއްގެ ހަތަރު ކްލަބަށް ވުރެ ގިނަ ކްލަބަށް މުބާރާތުން ފުރުސަތެއް ނުދެވޭނެ އެވެ.
ޗެލްސީ އޮތީ 61 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެއް ވަނައިގައި 86 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެ ވަނައިގައި އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިން ވަނައިގައި 67 ޕޮއިންޓާ އެކު އާސެނަލް އަދި ހަތަރު ވަނައިގައި 66 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ގަދަ ހަތަރެއްގެ ފުރުސަތު ދެން އޮތީ ފަސް ވަނައިގައި 65 ޕޮއިންޓާ އެކު އޮތް ނިއުކާސަލް ޔުނައިޓެޑަށެވެ. ރޭގެ ނަތީޖާއާ އެކު ލިވަޕޫލް އޮތީ 52 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.
އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި މީގެ ތިން ދުވަސް ކުރިން ޗެލްސީ އަތުން 2- 1 އިން ބަލިވި ލިވަޕޫލާ ދެކޮޅަށް ޗެލްސީން ރޭ ނެރުނީ އާދައިގެ ޓީމެކެވެ. ގޯލްކީޕަރު ޕެޓާ ޗެކާއި ފްރޭންކް ލަމްޕާޑާއި އޭޝްލީ ކޯލް އާއި ޑިޑިއާ ޑްރޮގްބާ އަދި ހުއާން މަޓާ ނުކުޅެ އެވެ. އާއްމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސަސްޕެންޑްވެފައިވާ ކެޕްޓަން ޖޯން ޓެރީ އާއި ބްރަންލިސަވް އިވަނޮވިޗާއި ރަމިރޭޒް އެވެ.
ރޭ ލިވަޕޫލަށް ލީޑް ލިބުނީ 19 ވަނަ މިނެޓުގައި ޗެލްސީގެ މައިކަލް އެސިއެން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެ ޓީމުން ލީޑު ފުޅާކުރީ 25 ވަނަ މިނެޓުގައި ޖޯޑާން ހެންޑެސަން އަދި 29 ވަނަ މިނެޓުގައި ޑެނިއަލް އެގާ ޖެހި ލަނޑުތަކުންނެވެ. ޗެލްސީގެ ހަމައެކަނި ލަނޑު 50 ވަނަ މިނެޓުގައި ޖެހީ ރަމިރޭޒް އެވެ. ލިވަޕޫލުގެ ހަތަރު ވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝެލްވީ އެވެ.
ޗެލްސީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯ ބުނީ މުހިއްމު ކުޅުންތެރިން ނޭރުވުނީތީ ހިތާމަނުކުރާ ކަމަށެވެ.
"މިރޭ ލިވަޕޫލް މޮޅަށް ކުޅުނީ،" ޑި މަޓެއޯ ބުންޏެވެ. "ވަރަށް ވަރުގަދަ މެޗުތަކެއް ކުޅެފައިވުމުން އަހަރެންގެ ހިތް ބުނީ ރަނގަޅުވާނީ އާ ކުޅުންތެރިން އެރުވުމޭ. އަހަރެން ހިތާމައެއް ނުކުރަން ޓީމަށް ބަދަލުތަކެއް ގެނެސްގެންނެން."
އޭނާ ބުނީ ލީގުގެ ފަހު މެޗުގައި އާދީއްތަ ދުވަހު، ރެލިގޭޓްވެފައިވާ ބްލެކްބާން ރޯވާސް އަތުން މޮޅުވާން ވަރަށް މަސައްކަތްކުރާނެ ކަމަށާއި ޗެމްޕިއަން ލީގު ފައިނަލާ ކުރިމަތިލާން ބޭނުންވަނީ ޕޮސިޓިވް މޫޑުގައި ކަމަށެވެ.

2 comments