ޝަންހާއީ ( 22 މެއި) - ޝަންހާއީ ޝެންހުއާ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ފްރާންސްގެ ފޯވަޑް ނިކޮލަސް އަނެލްކާ ދީފި އެވެ.
ޝަންހާއީ ނޫހެއް ކަމަށްވާ 'ޒިންމިން އިވްނިން ނިއުސް' އަށް ދިން އިންޓަވިއުއެއްގައި އަނެލްކާ ވަނީ ކްލަބުގެ ފަރާތުން އޭނާ އަށް ސަޕޯޓު ނުލިބޭ ކަމަށް ބުނެ، ކްލަބަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަނެލްކާ ބުނީ ކްލަބުން އެގޮތަށް ކަންތައްކުރާނަމަ އޭނާ ކުޅުން ހުއްޓާލަންޖެހިދާނެ ކަމަށެވެ.
"އަހަންނަށް ސަޕޯޓު ދޭނެ މީހަކު ނެތި، އަހަންނަށް މަކަރު ހަދަންޏާ އަހަރެން ރިޓަޔާކުރުމާމެދު ވިސްނާނަން. ކުރިއަށް އޮތް ދެ ތިން ހަފުތާ ތެރޭގައި ކަންތައްތައް ވާގޮތަކުން އަހަރެން އެކަމާމެދު ވިސްނާނަން،" އަނެލްކާ ބުންޏެވެ.
އަނެލްކާ ވާހަކަތަކާ ބެހޭގޮތުން ޝެންހުއާގެ ބަހެއް ވަނީ 'ޒިންމިން އިވްނިން ނިއުސް' އަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޗައިނާ ލީގުގައި މިހާތަނަށް ކުޅޭ އެންމެ މަޝްހޫރު ކުޅުންތެރިއާ ކަމަށްވާ އަނެލްކާ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގައި ޗެލްސީން ޝެންހުއާ އަށް ބަދަލުވީ ޖެނުއަރީ މަހު އެވެ. މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ޝެންހުއާ އިން އަނެލްކާ އަށް ހަފްތާއަކު 307،000 ޑޮލަރު ދެ އެވެ.
ސޯޅަ ޓީމު ވާދަކުރާ ޗައިނީޒް ލީގުގައި ޝެންހުއާ މި ވަގުތު އޮތީ 14 ވަނައިގަ އެވެ. ޝެންހުއާ ވަނީ ފްރާންސްގެ މަޝްހޫރު ކޯޗު ޖޯން ޓިގާނާ އެ ކްލަބްގެ ކޯޗުގެ މަގާމުން މިދިޔަ މަހު ވަކިކޮށްފަ އެވެ. އަދި އަނެލްކާ ކޯޗިން ސްޓާފްގެ ތެރެއަށް ވައްދައި، ވަގުތީ ކޯޗަކަށް ކޮންގޯގެ ޖޯން ފްލޮރެންޓް އިކަވަންގޭ އިބެންގޭ ވަނީ ހަމަޖައްސައިފަ އެވެ.
އަނެލްކާ ބުނީ ޓީމުގެ ކޯޗެއްގެ ޒިންމާތައް އަދާކުރަނީ އޭނާ ކަމަށާއި އޭނާ މިހާރު އަދާކުރާ ކޯޗެއްގެ ޒިންމާތައް އެހެން މީހަކާ ހަވާލުކުރަން އުނދަގޫވާނެ ކަމަށެވެ.
"މިހާރު ހެޑް ކޯޗުގެ ޒިންމާ މި އަދާކުރަނީ އަހަރެން. އަހަރެން ޓީމު ވެސް ނަގަނީ އަދި ޓްރެއިނިންތައް ވެސް ކުރިއަށް ގެންދަނީ،" އަނެލްކާ ބުންޏެވެ. -- އޭއެފްޕީ

އެމްޑީޕީގެ މުޒާހަރާ
2 comments