މެޑްރިޑް (މެއި 23) - ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި 2016 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ހޯސޭ މޮރީނިއޯ ކޮންޓްރެކްޓުގައި ސޮއިކޮށްފި އެވެ.
"ރެއާލް މެޑްރިޑާއި ހޯސޭ މޮރީނިއޯ ވަނީ އޭނާގެ ކޮންޓްރެކްޓް 2016 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އިތުރުކުރަން އެއްބަސްވުމަކަށް އައިސްފައި،" ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރެއާލް މެޑްރިޑާ 2010 ވަނަ އަހަރުގެ މެއި މަހު ގުޅުނު އުމުރުން 49 އަހަރުގެ ކޯޗު ވަނީ އެ ކްލަބަށް މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރީ ސީޒަނުގެ ސްޕެނިޝް ކަޕް ވެސް ހޯދައިދިނެވެ.
މޮރީނިއޯ މި މަހު ކުރީކޮޅު ބުނީ އެހެން ލީގެއްގައި ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ކުރީގެ ކްލަބް ޗެލްސީ އަށް ބަދަލުވާން އުޅޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުންޏެވެ.
ރެއާލް ލީގު ކުރުމުން މޮރީނިއޯ އަށް ވަނީ ހަތަރު ގައުމެއްގެ ލީގު ކާމިޔާބުކުރުމުގެ ޝަރަފް ލިބިފަ އެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި އިންގްލެންޑް ޗެލްސީ އަދި އިޓަލީގެ އިންޓަ މިލާނަށް ލީގު ކާމިޔާބުކޮށްދީފަ އެވެ. ތަފާތު ހަތަރު ގައުމެއްގައި ލީގު ކާމިޔާބުކުރި ކޯޗުންގެ ލިސްޓުގެ ތެރޭގައި މޮރީނިއޯއާ އެކު ދެން ހިމެނެނީ އިޓަލީގެ ޖިއޮވާނީ ޓްރަޕޮޓޯނީ އާއި އޮސްޓްރިއާގެ އާނަސްޓް ހަޕެލް އަދި ކްރޮއޭޝިއާގެ ޓޮމިސްލަވް އިވިޗެވެ.
މޮރީނިއޯ ބުނީ ޓީމެއްގެ ގޮތުގައި އަދި އިންޑިވިޖުއަލީ ވެސް ރެއާލަށް ކުރިއެރުން ބޭނުންވާ ކަމަށެވެ.
"އަހަރެމެން އެބަޖެހޭ ޓީމެއްގެ ގޮތުގައި އަދި އިންޑިވިޖުއަލީ ވެސް ކުރިއެރުން ހޯދަން. އަދި އަހަރެމެން ކުޅެން ޖެހޭނީ ހަމައެކަނި މޮޅުވާކަށް ނޫން. އެކަމަކު ރީތި ކުޅުމެއް ދައްކައި ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ހޯދަން،" މޮރީނިއޯ ބުންޏެވެ.
ޕޯޓޯ އާއި އިންޓަ މިލާނާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މޮރީނިއޯ ބުނީ އެ މުބާރާތް މި އަހަރު ރެއާލަށް ކާމިޔާބުނުކުރެވުނަސް ދުނިޔޭން އެންމެ މޮޅު ކުޅުމެއް ކުޅުނީ އޭނާގެ ޓީމުން ކަމަށެވެ.

އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
3 comments