މެޑްރިޑް (މެއި 26) - ބްރެޒިލްގެ ސަންތޯސްގެ ފޯވާޑް ނޭމާ ނުގެންނާނެ ކަމަށް ބާސެލޯނާގެ ނައިބް ރައީސް ޖޯސެޕް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ބާސެލޯނާގެ ސްކޮޑް ވަރުގަދަ ކަމަށާއި އަނިޔާގައި ތިބި ކުޅުންތެރިން ފިޓްވުމުން ޓީމުގެ ހަގީގީ ފެންވަރު ފެނިގެންދާނެ ކަމަށެވެ.
ވާދަވެރި ރެއާލް މެޑްރިޑުން މި ސީޒަނުގައި ވަނީ ބާސެލޯނާގެ މައްޗަށް ކުރި ހޯދައި ސްޕޭން ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ޗެލްސީ އަތުން ވަނީ ބަލިވެފަ އެވެ. އެހެންވެ އަންނަ ސީޒަނުގައި ބާސެލޯނާ އަށް މޮޅު ކުޅުންތެރިން ހޯދާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މި ގޮތުން އެ ޓީމާ ގުޅޭނެ ކަމަށް ބެލެވިފައިވާ މަޝްހޫރު ކުޅުންތެރިއަކީ ނޭމާ އެވެ. ނަމަވެސް ބާޓޮމެއު ވިދާޅުވީ ކޭމްޕް ނޯ އާ ބްރެޒިލްގެ އުއްމީދީ ތަރި ގުޅުމަކީ ދުރު ކަމެއް ކަމަށެވެ.
"އަންނަ ސީޒަނުގައި ނޭމާ ބާސެލޯނާއާ ގުޅޭނެތަ؟ އޭނާ ވަނީ ސަންތޯސްއާ އެކު 2014 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހަދާފައި. ނޭމާ ހުންނާނީ އޭނާގެ ކްލަބުގައި،" ބާޓޮމެއު ވިދާޅުވި އެވެ. "އަހަރެމެންގެ ޓީމު ވަރަށް ވަރުގަދަ. އަނިޔާގައި ތިބި ކުޅުންތެރިން ޓީމާ ގުޅި ފިޓްވުމުން އިތުރު ކުޅުންތެރިން ބޭނުންވާނެ ކަމަކަށް އަހަންނަކަށް ހިއެއް ނުވޭ. އެކަމަކު ޓީމު އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ކޯޗުން."

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
3 comments