ޔޫރޯ 2012

ޔޫރޯ 2012: އިންގްލެންޑް އަތުން ބަލިވެ ސްވިޑަން ކަޓައިފި

ހަސަން ޝިފާން
16 ޖޫން 2012 02:38
  • ސްވިޑަން ކޮޅަށް ލަނޑުޖެހުމަށް ފަހު އިންގްލެންޑްގެ ވެލްބެކް އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

ކިއޭވް، ޔޫކްރޭން (ޖޫން 15) - ޔޫރޯގެ ގުރޫޕް ޑީގައި ހުކުރު ދުވަހުގެ ރޭ އިންގްލެންޑް އަތުން 3- 2 އިން ބަލިވެ، ސްވިޑަން މުބާރާތުން ކަޓައިފަ އެވެ. މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް ވަނީ ޔޫކްރޭން އަތުން 2- 0 އިން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑު ހޯދައިދިނީ ލިވަޕޫލްގެ ފޯވަޑް އޭންޑީ ކެރޯލް އެވެ. އެކަމަކު މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ ސްވިޑަން އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ސްވިޑަންގެ ތަޖުރިބާކާރު ޑިފެންޑަރު އޮލޮފް މެލްބާގް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އިންގްލެންޑްގެ ޑިފެންޑަރު ގްލެން ޖޯންސަންގެ ގައިގައި ޖެހިފަ އެވެ. އަދި ސްވިޑަން އިން މެޗުގައި ލީޑު ނެގީ 59 ވަނަ މިނިޓުގައި މެލްބާގް ކާމިޔާބުކުރި ލަނޑުންނެވެ.

އިންގްލެންޑް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 64 ވަނަ މިނިޓުގައި އާސެނަލްގ ވިންގާ ތިއޯ ވޮލްކޮޓް ކާމިޔާބުކުރި ލަނޑުންނެވެ. ވޮލްކޮޓް ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރިތާ ހަތަރު މިނިޓު ފަހުންނެވެ. އަދި ޒާމަންގަނޑަކަށް ފަހު ވާދަވެރި މެޗެއްގައި ސްވިޑަން އަތުން އިންގްލެންޑް މޮޅުވީ މެޗުގެ 78 ވަނަ މިނިޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ޑެނީ ވެލްބެކް ކާމިޔާބުކުރި ލަނޑުންނެވެ. ވެލްބެކް ލަނޑުޖެހީ ވޮލްކޮޓް ނެގި ހުރަހަކުންނެވެ.

ގުރޫޕް ބީގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ދެ މެޗަށް ފަހު އިންގްލެންޑާއި ފްރާންސަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ޔޫކްރޭން ތިން ޕޮއިންޓުގައި އޮތްއިރު، ދެ މެޗުން ވެސް ބަލިވެ ސްވިޑަން އޮތީ ހުސްއަތާ އެވެ.

ގުރޫޕް ބީގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރޭން އަތުން ފްރާންސް މޮޅުވީ މެޗުގެ ދެވަނަ ހާފުގައި، ޕީއެސްޖީގެ މިޑްފީލްޑަރު ޖެރެމީ މެނޭޒާއި ނިއުކާސަލްގެ ޔޯހަން ކަބާއީ ޖެހި ދެ ލަނޑުންނެވެ. މި މެޗު ފެށިތާ ފަސް މިނިޓުނުވަނީސް ވިއްސާރައިގެ ސަބަބުން މެޗު ވަނީ މެދުކަނޑަލައިފަ އެވެ. މެޗުގެ ކުޅުން އަލުން ފެށީ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ލޯރެން ބްލޯންކް ބުނީ މެޗުގައި ފްރާންސް އިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިރޭގެ މެޗުގައި ފްރާންސް އިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. އަހަރެމެން ދެ ލަނޑުޖެހި. އެކަމަކު ތަފާތު ބޮޑުކޮށްލަން ގިނަ ފުރުސަތުތަކެއް ލިބުނު. ފްރާންސްގެ ފަރާތުން ކުރިއެރުންތަކެއް އެބަފެނޭ. ކުޅުންތެރިންނަށް ވެސް އެނގޭ މެޗަކަށް ފަހު މެޗެއް އެބަ ރަނގަޅުވާކަން،" ބްލޯންކް ބުންޏެވެ.

ގުރޫޕް ބީގެ ފަހު ދުވަހު ޔޫކްރޭނާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، މުބާރާތުން ކަޓައިފައިވާ ސްވިޑަންއާ ފްރާންސް ގްރޫޕުގެ ފަހު ބައްދަލުކުރާނެ އެވެ. ފްރާންސާއި އިންގްލެންޑަށް ޕޮއިންޓަކާ އެކު ކުއާޓާގެ ޖާގަ ކަށަވަރުވާނެ އެވެ. އެކަމަކު ޔޫކްރޭނަށް ކުއާޓާގެ ޖާގައެއް ކަށަވަރުކުރެވޭނީ އިންގްލެންޑް އަތުން މޮޅުވެގެންނެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި