ޔޫރޯ 2012

ރޫނީ އަށް ކުޅެވޭތީ ޝެވްޗެންކޯ ހާސްވެފައި

މުހައްމަދު ހަމްދޫން
17 ޖޫން 2012 12:39
  • ޝެވްޗެންކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ބުނީ ރޫނީއާ އެކު އިންގްލެންޑް ނުރައްކާވާނެ ކަމަށް --އޭއެފްޕީ

ޑޮނެސްޓްކް، ޔޫކްރޭން (ޖޫން 17) - ޔޫރޯގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ފޯވާޑް ވޭން ރޫނީ އަށް ކުޅެވުމަކީ ޔޫކްރޭނަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ޔޫކްރޭނުގެ ކެޕްޓަން އަންދްރޭ ޝެވްޗެންކޯ ބުނެފި އެވެ.

ފްރާންސާ 1- 1 އިން އެއްވަރުވި މެޗާއި ސްވިޑަން އަތުން 3- 2 އިން މޮޅުވި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ނުކުޅެ އެވެ. ޔޫކްރޭން މެޗުގައި ރޫނީ ބޭނުންކުރާނެ ކަމަށް އިންގްލެންޑުގެ ކޯޗު ރޯއީ ހޮޖްސަން ބުނެފައިވާއިރު ޝެވްޗެންކޯ ބުނީ ރޫނީގެ ސަބަބުން އިންގްލެންޑް ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"އަހަންނަށް ރޫނީ ވަރަށް ރަނގަޅަށް އެނގޭ. އޭނާ އަކީ މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް،" ޝެވްޗެންކޯ ބުންޏެވެ. "އޭނާ އައުމާ އެކު އިންގްލެންޑް ޓީމަށް ބަދަލުތަކެއް އަންނާނެ. އެކަމަކު އޭނާ މެޗެއް ނުކުޅޭތާ މަހެއް ވެއްޖެ. އެހެންކަމުން ވާނެ ގޮތެއް ބަލަން ޖެހޭނީ."

ސްވިޑަން އަތުން 2- 1 އިން މޮޅުވި މެޗުގައި ދެ ލަނޑު ޖެހި އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ބުނީ އިންގްލެންޑުގެ އެންމެ ބޮޑަށް ސަމާލުވާން ޖެހެނީ އެޓީމުގެ ސެޓް-ޕީސްތަކަށް ކަމަށެވެ.

"އިންގްލެންޑަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު. ފްރާންސާ އެއްވަރުކޮށް ސްވިޑަން އަތުން ވަނީ މޮޅުވެފައި. އެ މީހުން އެންމެ ނުރައްކާ ކުރަނީ ސެޓް ޕީސްތަކުން. ކޯނަރާއި ހިލޭ ޖެހުން ވަރަށް ނުރައްކާ. އަހަރެމެން ވަރަށް ބޮޑަށް ބަލަން ޖެހޭނެ،" ޔޫރަޕުގެ ކުރީގެ އެއް ވަނަ ފޯވާޑް ބުންޏެވެ.

ޔޫރޯގެ ގްރޫޕް ޑީގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ފްރާންސް އޮތްއިރު އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ އިންގްލެންޑެވެ. ޔޫކްރޭނަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި އޮތް ސްވިޑަން ވަނީ ކަޓާފަ އެވެ.

ޝަވްޗެންކޯ ބުނީ އިންގްލެންޑް އަތުން މޮޅުވެއްޖެ ނަމަ ކުއާޓާ ފައިނަލަށް ދެވެން އޮތްކަން އެނގޭ ކަމަށާއި އެކަމަށް ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ހޯމް އެޑްވާންޓޭޖް އެބަ އޮތް ކަމަށާއި ނަމަވެސް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޝެވްޗެންކޯ ބުންޏެވެ.

އޭސީ މިލާނުގައި ހޭދަކުރި ދުވަސްވަރު ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝެވްޗެންކޯ 2006 ގައި އިންގްލެންޑުގެ ޗެލްސީ އަށް ބަދަލުވި ހިސާބުން ފޯމު ކެޓީ އެވެ. ނަމަވެސް ޝެވްޗެންކޯ ބުނީ އޭނާގެ ފެންވަރު އިނގިރޭސި ސަޕޯޓަރުންނަށް ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ.

"އަހަރެން ޗެލްސީގައި ހޭދަކުރި ދުވަސްވަރުގެ ވާހަކަދައްކާކަށް ބޭނުމެއް ނޫން. އެއީ މީގެ ހަ އަހަރު ކުރީގެ ވާހަކައެއް،" ޝެވްޗެންކޯ ބުންޏެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި