ޔޫރޯ 2012

ޔޫކްރޭނާ ދެކޮޅަށް ނުކުންނައިރު ރޫނީ ވަރުގަދަ އަޒުމެއްގައި

ހަސަން ޝިފާން
18 ޖޫން 2012 13:26
  • އިންގްލެންޑްގެ ފަރިތަކުރުންތަކުގައި ރޫނީ (މ) ވޯމަޕްކުރަނީ. -- ފޮޓޯ / އޭއެފްޕީ

ލިވިވް (ޖޫން 18) - ދެ މެޗުގެ ސަސްޕެންޝަނަށް ފަހު ޔޫރޯގެ ގުރޫޕް ޑީގައި މާދަމާ ރޭ ޔޫކްރޭނާ ދެކޮޅަށް އިންގްލެންޑް ކުޅޭ މުހިންމު މެޗުގައި ކުޅުމުގެ ފުރުސަތު ތަނަވަސްވެފައިވާ އިންގްލެންޑް ފޯވަޑް ވޭން ރޫނީ ހުރީ މެޗަށް ނުކުންނައިރު ވަރުގަދަ އަޒުމެއްގަ އެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ޔޫކްރޭނާ ދެކޮޅަށް މާދަމާ ރޭ އިންގްލެންޑް ކުޅޭ މެޗުން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް އިންގްލެންޑަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

އިންގްލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއާ، ރޫނީ، ،26 ބޭނުންވާނީ މާދަމާ ރޭ އިންގްލެންޑަށް ކުއާޓާގެ ޖާގައަށް ކަށަވަރުކޮށްދިނުން ކަމަށް ޔަގީނެވެ. އެކަމަކު މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ރޫނީ ހުރީ އެހެން ކަމެއް ވެސް ހާސިލްކުރުމުގެ އަޒުމުގަ އެވެ. އެއީ އިންޓަނޭޝަނަލް މުބާރާތެއްގައި ވިދާލުމެވެ.

ރޫނީ އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މުބާރާތް ކަމަށްވާ 2004 ވަނަ އަހަރު ޔޫރޯ އަކީ އޭނާ ވިދާލި މުބާރާތެވެ. އުމުރުން 18 އަހަރުގައި އެ އަހަރުގެ ޔޫރޯގައި ކުޅުނު ރޫނީ އެ މުބާރާތުގައި ހަތަރު ލަނޑުޖެހި އެވެ. އެކަމަކު އެއަށް ފަހު އިންގްލެންޑްގެ ގައުމީ ޓީމަށް ރޫނީ ކުޅުނު އެއްވެސް މުބާރާތެއްގައި އޭނާގެ ފަރާތުން އުންމީދުކުރި ވަރުގެ ދައުރެއް އަދާކުރެވިފައެއް ނުވެ އެވެ. ޖަރުމަންގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓިއިރު، އެ މެޗުގައި ރޫނީ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން އޮތް ވޯލްޑް ކަޕްގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

"އަހަންނަށް ހީވަނީ އަހަންނަށް މުބާރާތެއްގައި އެންމެ ފަހުން ލަނޑުޖެހުނީ 2004 ވަނަ އަހަރުހެން،" ޔޫކްރޭން މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޫނީ ބުންޏެވެ. "އެކަމަކު އަހަރެން ގަބޫލްކުރާގޮތުގައި މިހާރު އަހަންނަކީ ކުރިއަށްވުރެ ރަނގަޅު ކުޅުންތެރިއެއް. އަހަރެން އުންމީދުކުރަނީ އަންގާރަ ދުވަހު ކުޅޭ މެޗަށް އަރައި ލަނޑެއްޖެހުމަށް. އަހަރެންގެ ފަރާތުން އަދި ރަނގަޅު ކަންތައްތަކެއް ފެންނަން އޮތް ކަމަށް ގަބޫލްކުރަނީ. އަހަރެންގެ އަމާޒަކީ ކުޅުން ރަނގަޅުކޮށް، މީގެ ކުރިން އަހަންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު އިންޓަނޭޝަނަލް މުބާރާތްތަކުގައި ލަނޑުޖެހުން."

ރޫނީ ބުނީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އޭނާ މިހާރު ހަނދާން ނައްތާލަން ބޭނުންވާ ދެ މުބާރާތް ކަމަށާއި އޭނާ މިހާރު ވިސްނަނީ މުސްތަގްބަލްގައި އެ މުބާރާތްތަކުގައި ވީގޮތް ތަކުރާރުނުކުރަން ކަމަށެވެ.

"ކުޅުންތެރިއެއް ގޮތުގައި ބައެއް ފަހަރު ބޭނުންނުވާ ގޮތްތަކެއް ދިމާވެދާނެ. ރަނގަޅު ގޮތްތަކެއް ވާނީ އުނދަގޫ ދަނޑިވަޅުތައް ވެސް ތަޖުރިބާކުރެވިގެން. އަހަރެންގެ އަމާޒަކީ އަސްލު ފެންވަރު ދައްކައި ޓީމަށް ކާމިޔާބު ހޯދައިދޭން އެހީވުން،" ރޫނީ ބުންޏެވެ.

މި އަހަރުގެ ޔޫރޯގެ ފުރަތަމަ ދެ މެޗަށް ރޫނީ ސަސްޕެންޑްވީ ޔޫރޯ ކޮލިފައިންގައި މޮންޓެނީގްރޯއާ ދެކޮޅަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންގްލެންޑް ކުޅުނު މެޗުގައި މޮންޓެނީގްރޯގެ ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ.

ރޫނީ ބުނީ މޮންޓެނީގްރޯގެ ކުޅުންތެރިޔާ އަށް ހަމަލާދިނުމަކީ އޭނާ އަށް ހެދުނު ގޯހެއްކަމަށް ގަބޫލްކުރާ ކަމަށާއި އޭނާ އަށް ލިބުނު އަދަބު ގަބޫލްކުރާ ކަމަށެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި