ޔޫރޯ 2012

ޔޫކްރޭނާ ދެކޮޅަށް ނުކުންނައިރު އިންގްލެންޑް ރޫނީ އަށް ބަރޯސާވެފައި

ހަސަން ޝިފާން
19 ޖޫން 2012 12:22
  • ރޫނީ އިންގްލެންޑްގެ ފަރިތަކުރުންތަކުގައި ބޯޅަ ޖަހަނީ. -- ފޮޓޯ / އޭއެފްޕީ

ކިއޭވް (ޖޫން 19) - ޔޫރޯގެ ގުރޫޕް ޑީގައި މިރޭ ޔޫކްރޭނާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، ސަސްޕެންޝަނަށް ފަހު ކުޅެން ނުކުންނަ ފޯވަޑް ވޭން ރޫނީ އަށް އިންގްލެންޑް ވަނީ ބަރޯސާވެފަ އެވެ.

ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް ޔޫކްރޭނާ ދެކޮޅަށް ކުޅޭ މެޗުން އިންގްލެންޑް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އިންގްލެންޑް މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި، ސަސްޕެންޝަންގެ ސަބަބުން، ކުޅިބަލަން އިންނަން ޖެހުނު ރޫނީ އަށް މިރޭގެ މެޗުގައި ކުޅެވުމަކީ އިންގްލެންޑްގެ ކޯޗު ރޯއީ ހޮޖްސަނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"ކުޅުމުގެ ފުރުސަތު އަނެއްކާ ވެސް ލިބުނީތީ ވަރަށް އުފާވޭ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރޫނީ ބުންޏެވެ. "އަހަރެމެން މިހާރު މި އޮތް ހިސާބުގައި މި އޮތީ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތަކާއެކު. އަހަންނަށް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުކުރަނީ. ފުރުސަތު ލިބިއްޖެ ނަމަ އަހަރެން މަސައްކަތްކުރާނަން އެންމެ ރަނގަޅު ކުޅުން ދައްކައި އިންގްލެންޑަށް ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިދިނުމަށް."

އިންގްލެންޑަށް މިރޭގެ މެޗު އެއްވަރުކޮށްލައިގެން ފުއްދާލެވެން އޮތް ނަމަވެސް ރޫނީ ބުނީ އިންގްލެންޑުން މެޗު އެއްވަރުކުރާކަށް ނުކުޅޭނެ ކަމަށެވެ.

"ފުރަތަމަ ދެ މެޗާ އެއްގޮތަށް މިރޭގެ މެޗަށް ވެސް އަހަރެމެން ނުކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި. ޕޮއިންޓަކާއެކު ފުއްދާލަންޖެހިއްޖެ ނަމަ އަހަރެމެން އުފަލާއެކު އެކަން ގަބޫލްކުރާނަން. އެކަމަކު އަހަރެމެންގެ އަމާޒަކީ ތިން ޕޮއިންޓް،" ރޫނީ ބުންޏެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ޔޫކްރޭނަށް މިރޭގެ މެޗުން މޮޅުވެގެން ނޫނީ ކުއާޓާގެ ފުރުސަތެއް ނެތެވެ.

އިންގްލެންޑްގެ ކޯޗު ހޮޖްސަން ބުނީ ޔޫކްރޭންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ އިންގްލެންޑްގެ ކުޅުންތެރިންނަށް މައްސަލައަކަށްނުވާނެ ކަމަށެވެ. އަދި އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި ސްވިޑަންއާ ދެކޮޅަށް ކުޅުނީ އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށާއި އެއީ ކުޅުންތެރިނަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. ސްވިޑަން އަތުން 3- 2 އިން އިންގްލެންޑް މޮޅުވި މެޗުގައި ގާތްގަނޑަކަށް 20،000 ސްވިޑަން ސަޕޯޓަރުން ދަނޑަށް ވަތްއިރު، އިންގްލެންޑަށް ތަރުހީބު ދިނީ ގާތްގަނޑަކަށް 4000 ސަޕޯޓަރުންނެވެ.

"ރަށުން ބޭރުގައި ކުޅުމަށް އަހަރެން ހޭނެމުން މި ދަނީ. މިހާރު އެއް މެޗު ރަށުން ބޭރުގައި ކުޅެފިން. ދެވަނަ މެޗަށް މިހާރު މި ތައްޔާރުވަނީ. މުބާރާތް ބާއްވާ ގައުމާ އެއް ގުރޫޕަކަށް ދިއުމުން ރަށުން ބޭރުގައި ކުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ،" ހޮޖްސަން ބުންޏެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި