ކިއޭވް، ޔޫކްރޭން )ޖޫން 20( - ޔޫރޯގެ ގުރޫޕް ޑީގައި އަންގާރަ ދުވަހުގެ ރޭ ޔޫކްރޭން އަތުން 1- 0 އިން މޮޅުވެ އިންގްލެންޑް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ ހޯދިއިރު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ޔޫކްރޭން ވަނީ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މި ގުރޫޕްގައި މިރޭ ސްވިޑަން އަތުން ފްރާންސް 2- 0 އިން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފްރާންސަށް ވަނީ ކުއާޓާގެ ޖާގަ ލިބިފަ އެވެ.
ކުއާޓާގައި އިޓަލީއާ ދެކޮޅަށް ނުކުންނަންޖެހޭ އިންގްލެންޑަށް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑުޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ވޭން ރޫނީ އެވެ. މިއީ މުބާރާތުގެ ފުރަތަމަ ދެ މެޗަށް ސަސްޕެންޑްވެފައި ހުރުމަށް ފަހު މި އަހަރުގެ ޔޫރޯގައި ރޫނީ ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ޔޫކްރޭންގެ މާކޯ ޑެވިޗް ދެވަނަ ހާފުގައި އިންގްލެންޑް ގޯލަށް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ޑިފެންޑަރު ޖޯން ޓެރީ ވަނީ ގޯލު ރޮނގު މަތިން ކަހަލަ ގޮތަކަށް ސަލާމަތްކޮށްފަ އެވެ. އެކަމަކު ޓީވީ ރީޕްލޭތަކުން ފެންނަ ގޮތުގައި ޓެރީ އެ ބޯޅަ ސާފުކޮށްލީ ގޯލު ރޮނގު ހުރަސްކޮށްފައިވަނިކޮށެވެ.
އިންގްލެންޑް ގުރޫޕްގެ އެއްވަނަ ހޯދީ ހަތް ޕޮއިންޓާއެކު އެވެ. ފްރާންސް ހަތަރު ޕޮއިންޓާއެކު ދެވަނަ ހޯދައިިރު، ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ޔޫކްރޭނެވެ. ސްވިޑަން މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.
މުބާރާތުން ކަޓައިފައި އޮތް ސްވިޑަން އަތުން ފްރާންސް ބަލިވީ ސްވިޑަންގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗާއި ސެބެސްޓިއަން ލާސަން ކާމިޔާބުކުރި ދެ ލަނޑުންނެވެ. މި މެޗުން މޮޅުވެ ސްވިޑަން މުބާރާތުގައި ސުން ކަނޑުވާލިއިރު، މިއީ ގާތްގަނޑަކަށް 43 އަހަރުގެ ތެރޭގައި ފްރާންސް އަތުން ސްވިޑަން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މި މެޗު ބަލިވުމުން ފްރާންސް އިން ބަލިނުވެ ދަމަހައްޓަމުންދިޔަ 23 މެޗުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ.
ކުއާޓާގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އެވެ. -- އޭއެފްޕީ
7 comments