ކިއޭވް (ޖޫން 21) - ޔޫރޯގެ ގުރޫޕް ޑީގައި އަންގާރަ ދުވަހުގެ ރޭ އިންގްލެންޑާއި ޔޫކްރޭން ބައްދަލުކުރި މެޗުގައި ޔޫކްރޭން އިން އިންގްލެންޑް ގޯލަށް ފޮނުވާލި ބޯޅަ ގޯލު ރޮނގުހުރަސްނުކުރާ ކަމަށް ރެފްރީ ނިންމި ނަމަވެސް، އެއީ ރަނގަޅު ލަނޑެއް ކަމަށް ޔުއޭފާގެ ޗީފް ރެފްރީ އޮފިސާ އިޓަލީގެ ޕިއާލުއީޖީ ކޮލީނާ އިއްޔެ ބުނެފި އެވެ.
އިންގްލެންޑް 1- 0 އިން މޮޅުވި މެޗުގައި އެ ޓީމުން ލަނޑު ޖަހައިފައިވަނިކޮށް މެޗުގެ 62 ވަނަ މިނިޓުގައި ޔޫކްރޭންގެ މާކޯ ޑެވިޗް އިންގްލެންޑް ގޯލަށް ފޮނުވާލި ބޯޅަ ޑިފެންޑަރު ޖޯން ޓެރީ ސާފުކޮށްލީ އެ ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށްފައިވަނިކޮށްކަން ޓީވީ ރީޕްލޭތަކުން ފެނެ އެވެ. އެކަމަކު ގޯލު ކައިރީގައި ހުންނަ އެސިސްޓެންޓް ރެފްރީގެ ލަފާގެ މަތިން ހަންގޭރީގެ ރެފްރީ ވިކްޓާ ކަސާއީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.
ދުނިޔޭގެ އެއްވަނަ ރެފްރީގެ ގޮތުގައި ގިނަ ބަޔަކު ކުރިން ބަލައިގަތް ކޮލީނާ ބުނީ މެޗުގެ ރެފްރީން އެ ބޯޅަ ގޯލުގެ ރޮނގު ހުރަސްނުކުރާ ކަމަށް ނިންމީ ގޯސްކޮށް ކަމަށެވެ. އެކަމަކު މި މުބާރާތުގައި ޖާމަނީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗާއި އިޓަލީ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ސުވާލުއުފެދުން ނިންމުންތަކެއް ރެފްރީން ރަނގަޅަށް ނިންމައިފައިވާ ކަމަށް ކޮލީނާ ބުންޏެވެ.
"އެ ބޯޅަ އޮތީ ގޯލު ރޮނގު ހުރަސްކޮށްފައި. ވަރަށް ދެރަކޮށް ދިމާވިކަމެއް އެއީ،" ކޮލީނާ ބުންޏެވެ.
ރެފްރީ ކަސާއީގެ ނިންމުމާ ގުޅިގެން ޔޫކްރޭންގެ މީޑިއާ އިން ވަނީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ކޮލީނާ ބުނީ ޔުއޭފާ އިން މެޗުގައި ފަސް އޮފިޝަލުން ބަހައްޓައިގެން ރަނގަޅު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށާއި އެންމެ ގޯހެއް ހެދުމަކީ އިންސާނުންނަށް ވެދާނެ ކަމެއްކަން ގަބޫލްކުރަންޖެހޭ ކަމަށެވެ.
"މިއީ (ފަސް އޮފިޝަލުން) ލައިގެން އަހަރެމެންނަށް މިހާތަނަށް ކުރިމަތިވި ހަމައެކަނި މައްސަލަ. ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ފަސް ރެފްރީން ލައިގެން ދެ އަހަރު ތަޖުރިބާކޮށް، ޔޫރޯގެ 24 މެޗުގެ ތެރެއިން އަހަރެމެންނަށް އަދިކިރިޔާ މައްސަލައެއް މި ކުރިމަތިވީ،" ކޮލީނާ ބުންޏެވެ. -- އޭއެފްޕީ

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
2 comments