ޔޫރޯ 2012

ސްޕެއިންގެ ފުރަތަމަ 11 ނެގުމަކީ ޑެލް ބޮސްކޭ އަށް ބޮލުގެ ރިހުމެއް

ހަސަން ޝިފާން
23 ޖޫން 2012 13:04 1 ކޮމެންޓު
  • އިއްޔެ އޮތް ސްޕެއިންގެ ފަރިތަކުރުންތަކުގައި ޑެލް ބޮސްކޭ ޓީމަށް އިރުޝާދުދެނީ. -- ފޮޓޯ / އޭއެފްޕީ

ޑޮނެޓްސްކް، ޔޫކްރޭން (ޖޫން 23) - ޔޫރޯގެ ކުއާޓާ ފައިނަލްގައި މިރޭ ފްރާންސްއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ނެރޭނެ ފުރަތަމަ 11ގައި ހިމަނާނެ ކުޅުންތެރިން މުޅިން ޔަގީންނުވާ ކަމަށް ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ އިއްޔެ ބުނެފި އެވެ.

ސްޕެއިން ހުއްޓުވުމަށް ފްރާންސްގެ ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފްރާންސްގެ ކޯޗު ލޯރެން ބްލޯންކް ބުނެފައިވާއިރު، ޑެލް ބޮސްކޭ ހުރީ ނަގާނެ ކުޅުންތެރިންނާމެދު ދެ ހިޔާލެއްގަ އެވެ.

"ވަރަށް އުނދަގޫވާނެ ފްރާންސްއާ ދެކޮޅަށް ކުޅެން. ފުރަތަމަ 11ގައި ހިމަނާނެ ކުޅުންތެރިން އަދިވެސް ނުނިންމަން. އެކަމަކު އެއީ އެއްގޮތުން ރަނގަޅު ކަމެއް،" ޑެލް ބޮސްކޭ ބުންޏެވެ. "މިއީ ހަމައެކަނި މިއަދު އަހަންނަށް ދިމާވި މައްސަލައެއް ނޫން. މި ސްކޮޑްގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކީ ވެސް އެ ކުޅުންތެރިއަކު ކުޅޭ ކްލަބަކަށް މުހިންމު، މޮޅު ކުޅުންތެރިއެއް. އަހަންނަށް އޭގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންކުރެވޭނެ. އެހެންވެ އަހަރެން ވެސް ދެ ހިޔާލެއްގައި މިހުރީ. މާބޮޑަށް ޔަގީންކުރުމަކީ ވެސް ގޯހެއް."

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ފުރަތަމަ 11 ނެގުމުގައި ޑެލް ބޮސްކޭ އަށް އެންމެ އުނދަގޫވެފައިވަނީ ފޯވަޑްލައިނާމެދު ގޮތެއް ނިންމުމަށެވެ. ފެނާންޑޯ ޓޮރޭސް އާއި ސެސް ފެބްރެގާޒްގެ ތެރެއިން ނަގާނެ ކުޅުންތެރިއަކާމެދު ޑެލް ބޮސްކޭ ދެ ހިޔާލެއްގައި ހުރި ކަމަށްވެ އެވެ.

ފްރާންސް އިން ދިފާއީ ގޭމަކަށް އިސްކަންދީފާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޑެލް ބޮސްކޭ ބުނީ ފްރާންސް އިން މާބޮޑަށް ޑިފެންސަށް އިސްކަންދޭނެކަށް ގަބޫލްނުކުރެވޭ ކަމަށެވެ.

"މޮޅު ކުޅުންތެރިން ތިއްބައި ފްރާންސްގެ ޓީމުން މުޅިން ޑިފެންސަށް ފައިބައިގެން ތިބޭނެހެނެއް ހިޔެއްނުވޭ. އަހަރެން އުންމީދުކުރަނީ ރީތި މެޗެއް ފެންނާނެކަމަށް،" ޑެލް ބޮސްކޭ ބުންޏެވެ.

ސްޕެއިން އާއި ފްރާންސް ވާދަވެރި މެޗެއްގައި އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގަ އެވެ. އެ މެޗު 3- 1 އިން ކާމިޔާބުކުރީ ފްރާންސް އެވެ. ވާދަވެރި މެޗެއްގައި ފްރާންސް އަތުން މިހާތަނަށް ސްޕެއިން މޮޅުވެފައެއް ނުވެ އެވެ.

ޑެލް ބޮސްކޭ ބުނީ މިރޭގެ މެޗުގެ ފޭވަރިޓަކަށް ސްޕެއިންވިޔަސް ފްރާންސްއާ ދެކޮޅަށް ސްޕެއިން ކުޅެފައިވާ މެޗުތަކުގެ ތާރީހު ހަނދާންކޮށްލަންޖެހޭ ކަމަށެވެ.

"އަހަރެމެން ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާތީ އެންމެން ވެސް ބުނަނީ އަހަރެމެންނަކީ ފޭވަރިޓުންނޭ. އެކަމަކު ވާދަވެރި މެޗުތަކުގައި ފްރާންސް އޮތީ މިހާތަނަށް އަހަރެމެންގެ މައްޗަށް ކުރި ހޯދައިފައި. ފްރާންސް މެޗުގައި ތާރީހު ބަދަލުކޮށްލެވޭތޯ މަސައްކަތްކުރަންވީ،" ޑެލް ބޮސްކޭ ބުންޏެވެ. -- އޭއެފްޕީ

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait