ކިއޭވް، ޔޫކްރޭން (ޖޫން 24) - ޔޫރޯގެ ކުއާޓާ ފައިނަލްގައި ރޭ ފްރާންސް އަތުން 2- 0 އިން މޮޅުވެ ސްޕެއިން ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މެޗުގައި ސްޕެއިންގެ ޑިފެންސް ލައިން އިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.
"ހަގީގަތަކީ އަހަރެމެން ވަރަށް ރަނގަޅަށް ކުޅެ، މެޗު ކޮންޓްރޯލްކުރިކަން،" މެޗަށް ފަހު ޑެލް ބޮސްކޭ ބުންޏެވެ. " އިކާ ކަސިއަސް (ސްޕެއިންގެ ގޯލްކީޕަރު) އަށް ރޭގެ މެޗުގައި މާބޮޑުކަމެއް ކުރާކަށް ނުޖެހުނު. އޭގެ މާނައަކީ އަހަރެމެންގެ ޑިފެންސްގެ ކުޅުން ރަނގަޅުކަން. ޑިފެންސް ރަނގަޅުވެއްޖެ ނަމަ އަހަރެމެން މުބާރާތުގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ބޮޑުވާނެ."
ފްރާންސް އަތުން ސްޕެއިން މޮޅުވީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ކާމިޔާބުކުރި ދެ ލަނޑުންނެވެ.
ރޭގެ މެޗުން ސްޕެއިންގެ ގައުމީ ޓީމަށް 100 މެޗު ހަމަކުރި އަލޮންސޯގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޑެލް ބޮސްކޭ ބުންޏެވެ.
"އަލޮންސޯ އަކީ އަހަރެންގެ ކޯޗުކަމުގެ ދަށުން ގިނައިން ލަނޑުޖަހާ ކުޅުންތެރިއެއް. އަހަންނަށް އެނގޭ އަލޮންސޯ އާއި (ސާޖިއޯ) ބުސްކެޓްސް މެދުތެރެއަށް ލީމަ ސުވާލުތައް އުފެދޭނެކަން. އެކަމަކު އަހަރެން ގަބޫލްކުރާ ގޮތުގައި މިއީ ޑިފެންސަށް ވުރެ ބޮޑަށް އެޓޭކްގައި ބޭންކުރެވޭނެ ދެ ކުޅުންތެރިން،" ޑެލް ބޮސްކޭ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އަންނަ ބުދަ ދުވަހު ސްޕެއިން ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.
ޑެލް ބޮސްކޭ ބުނީ ރެސްޓްކުރަން ސްޕެއިން އަށްވުރެ ގިނަ ދުވަސް ޕޯޗުގަލް އަށް ލިބުނު ކަމަށާއި އެއީ އޭނާ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަހަރެމެންނަށް ޕޯޗުގަލް އަށްވުރެ ދެ ދުވަސް މަދުން ރެސްޓްކޮށްލަން މި ލިބެނީ. އެކަމާ އަހަރެން ކަންބޮޑުވޭ. އެއީ ޕޯޗުގަލް އަށް ލިބޭ އެޑްވާންޓޭޖަކަށް ވެދާނެ. މިރޭގެ މެޗުން ވެސް ކުޅުންތެރިން ވަރަށް ވަރުބަލިވެއްޖެ،" ޑެލް ބޮސްކޭ ބުންޏެވެ. -- އޭއެފްޕީ

4 comments