ދުނިޔޭގެ ކުޅިވަރު

ސްޕެއިން މާ މޮޅީ: ބުފޮން

ހަސަން ޝިފާން
02 ޖުލައި 2012 12:22 6 ކޮމެންޓު
  • ޔޫރޯ ފައިނަލަށް ފަހު ބުފޯން )މ( އިޓަލީގެ ބޮނުއްޗީއާ ވާހަކަދައްކަނީ. -- ފޮޓޯ / އޭއެފްޕީ

ކިއޭވް (ޖުލައި 2) - ޔޫރޯގެ ފައިނަލްގައި ރޭ އިޓަލީ އަތުން މޮޅުވެ، ޔޫރޯގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި ސްޕެއިންގެ ޓީމު މާ މޮޅު ކަމަށް އިޓަލީގެ ގޯލްކީޕަރު ޖިއާލުއީޖީ ބުފޮން ބުނެފި އެވެ.

ޔޫކްރޭންގެ ކިއޭވްގައި ކުޅުނު ފައިނަލްގައި އިޓަލީ އަތުން 4- 0 އިން މޮޅުވެ، ޔޫރޯ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބުކުރި ފުރަތަމަ ޓީމުގެ މަގާމް ސްޕެއިން ވަނީ ހޯދައިފަ އެވެ.

"މިރޭގެ މެޗުގެ ވާދަވެރިކަމެއް ނެތް. ސްޕެއިން މާ މޮޅީ،" ބުފޮން ބުންޏެވެ. "ބަލިވީމަ ހިތްދަތިކަމެއް އޮންނާނެ. އަހަރެމެންނަށް މި ނަތީޖާއާ ކުރިމަތިލާންޖެހުނީ މޮޅުވުން ހައްގު، މޮޅު ޓީމަކާ ދެކޮޅަށް ކުޅުނީމަ. ބައެއް ފަހަރު ބަލި ގަބޫލްކޮށް، އިދިކޮޅަށް ނުކުންނަ މޮޅު ޓީމަށް ޖެހޭނެ ތައުރީފްކުރަން. މި ކަހަލަ ބޮޑެތި މެޗުތަކުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ސްޕެއިން ޓީމުގައި އެބަތިބި. އަހަރެމެންގެ އެއްވެސް ޝަކުވާއެއް ނެތް. ސްޕެއިން އަށް މަރުހަބާ ކިޔަން."

އިޓަލީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ތިން ވަނަ އަށް ކުޅެންއެރި މިޑްފީލްޑަރު ތިއާގޯ މޮޓާ ކުޅެން އެރިތާ މާގިނައިރުތަކެއް ނުވެ އަނިޔާވެގެން ބޭލުމުން، ދެވަނަ ހާފުގެ އެއްބައި އިޓަލީން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އިޓަލީގެ މިޑްފީލްޑަރު ޑެނިއެލް ޑިރޮސީ ބުނީ މޮޓާ ބޭލުމުން އިޓަލީ އަށް އޮތް ފުރުސަތު މުޅިން ގެއްލުނު ކަމަށެވެ.

"ގުރޫޕް ސްޓޭޖްގައި ސްޕެއިންއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ދެ ޓީމުގެ މެދުގައި މާބޮޑު ތަފާތެއް ނެތް. އެކަމަކު އެއީ ފައިނަލެއް ނޫން. އެކަމަކު ފައިނަލްގައި ސްޕެއިން މާބޮޑަށް ވެސް ތަފާތު. މޮޓާ ބަދަލުކުރި ހިސާބުން އެނގިއްޖެ މެޗު ނިމުނީކަން. އެ ހިސާބުން އަހަރެމެން ގޮތް ހުސްވެއްޖެ،" ޑިރޮސީ ބުންޏެވެ.

ޑި ރޮސީ ބުނީ މެޗުން ބަލިވިޔަސް މި ފަހަރުގެ ޔޫރޯ އަށް ކުރިމަތިލި އިޓަލީ ޓީމުގައި ހިމެނުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި އިޓަލީން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ.

"މި ގުރޫޕްގައި ހިމެނުނީތީ ފަހުރުވެރިވޭ. އަހަރެމެން ވަރަށް ބޮޑު ފިޔަވަޅެއް މި އެޅީ. ފުރަތަމަ މެޗުން ފެށިގެން ސެމީ ފައިނަލާ ހަމައަށް އަހަރެމެން ކުރިއެރުންތަކެއް ހޯދި،" ޑިރޮސީ ބުންޏެވެ. -- އޭއެފްޕީ

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait