ޔޫރޯ 2012

ފްރާންސް ޓީމުގެ ބޯނަސް ފައިސާ ހިފަހައްޓައިފި

ހަސަން ޝިފާން
04 ޖުލައި 2012 12:23 1 ކޮމެންޓު
  • (ކަނާތުން ވާތަށް) މެނޭޒް، އެމްވިލާ، ބެން އާރްފާ އަދި ނަސްރީ: މި ހަތަރު ކުޅުންތެރިން ޑިސިޕްލިނަރީ ކޮމެޓީ އަށް ހާޒިރުކުރާނެ. -- ފޮޓޯ / އޭއެފްޕީ

ޕެރިސް (ޖުލައި 4) - ޔޫރޯގައި ވާދަކުރި ގައުމީ ޓީމަށް ދޭން އޮތް ބޯނަސް ފައިސާ ހިފަހައްޓައިފައިވާ ކަމަށް ފްރާންސްގެ ފުޓްބޯލް ފެޑެރޭޝަން އިން އިއްޔެ ބުނެފި އެވެ.

ޔޫރޯގެ ކުއާޓާ ފައިނަލްގައި ސްޕެއިން އަތުން 2- 0 އިން ބަލިވެ، މުބާރާތުން ކެޓި ފްރާންސްގެ ސްކޮޑްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކާއި އޮފިޝަލަކަށް 100،000 ޔޫރޯގެ ބޯނަހެއް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެކަމަކު މުބާރާތުގެ ތެރެއިން ފްރާންސްގެ ކުޅުންތެރިންގެ މެދުގައި މައްސަލަތައް އުފެދުމާއި ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު އަހުލާގީ މައްސަލަތަކާ ގުޅިގެން ފްރާންސްގެ ފެޑެރޭޝަނުން ވަނީ ބޯނަސް ދިނުން މަޑުޖައްސާލައިފަ އެވެ.

"ފްރާންސްގެ ޓީމަށް ދޭން އޮތް ބޯނަސް ފައިސާ ވަނީ ހިފަހައްޓައިފައި. އެ ފައިސާ ފަހަރެއްގައި ނުދީފާނެ،" ފްރާންސްގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ނޮއެލް ލެގްރައޭ ވިދާޅުވި އެވެ.

ލެގްރައޭ ވިދާޅުވީ މުބާރާތުގެ ތެރޭގައި ފްރާންސްގެ ޓީމު ތެރޭގައި ހިނގި ބައެއް ކަންތައްތަކާ ގުޅިގެން ހަތަރު ކުޅުންތެރިއެއް ޑިސިޕްލިނަރީ ކޮމެޓީ އަށް ހާޒިރުކުރަން ނިންމައިފައިވާ ކަމަށެވެ. އެއީ ހާތެމް ބެން އާރްފާ އާއި ޔާން އެމްވިލާ އާއި ސަމިރް ނަސްރީ އަދި ޖެރްމީ މެނޭޒެވެ.

"ކުޅުންތެރިންނަށް އަދަބު ލިބެންޖެހޭ. ގަވައިދުގައި ކުރެވޭނެ ޖޫރިމަނާތަކާއި ސަސްޕެންޝަންތައް ބަޔާންކޮށްފައި އޮންނާނެ،" ލެގްރައޭ ވިދާޅުވި އެވެ. -- އޭއެފްޕީ

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait