ޕަލެކެލޭ، ސްރީލަންކާ (ޖުލައި 14) - ޕާކިސްތާނާ ދެކޮޅަށް ކުޅުނު ޓެސްޓް ސިލްސިލާގެ ފަހު މެޗު އެއްވަރުވެ، ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޓެސްޓް ސިލްސިލާ އަކުން ސްރީލަންކާ ބުރާސްފަތި ދުވަހު މޮޅުވެއްޖެ އެވެ.
ލަންކާ ވަނީ ޓެސްޓް ސިލްސިލާގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 209 ލަނޑުން މޮޅުވެފަ އެވެ. މިއީ 2009 ވަނަ އަހަރު ނިއުޒިލެންޑްގެ އަތުން މޮޅުވި ފަހުން ލަންކާ ޓެސްޓް ސިލްސިލާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
ދެވަނަ ޓެސްޓުގެ ފަސް ވަނަ ދުވަހު 270 ލަނޑު ޗޭސްކުރަން އެރި ލަންކާ އިން ވަނީ ޓީ ބްރޭކްގެ ކުރިން ދެ ވިކެޓަށް 132 ލަނޑު ހަދައިފަ އެވެ. އެކަމަކު ލަންކާ އަށް މައްސަލަތައް ދިމާވީ ޕާކިސްތާންގެ އޮފް ސްޕިނާ ސައީދު އަޖްމަލް ތިން ވިކެޓު ނެގުމުންނެވެ. ލަންކާގެ ޑިނޭޝް ޗަންދިމާ އާއި ކުމާރު ސަންގަކާރާގެ ލަނޑުތަކާ އެކު ލަންކާ އިން ހަތަރު ވިކެޓަށް 195 ލަނޑު ހަދައިފައިވަނިކޮށް، ދެ ޓީމުން ވަނީ މެޗު ނިންމާލަން އެއްބަސްވެފަ އެވެ.
"މި ސީރީޒް ކާމިޔާބުކުރެވުނީ ވަރަށް ބުރަ މަސައްކަތަކުން،" ލަންކާގެ ކެޕްޓަން މަހޭލަ ޖަޔަވާދްނާ ބުންޏެވެ. " އަހަރެމެންގެ ކުޅުން ގޯހެއް ނޫން. ލަންކާ ކަހަލަ މޮޅު ޓީމެއް އަތުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް. މި މޮޅުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ."
ޖަޔަވާދްނާ ބުނީ 1- 0 އިން ލަންކާ އަށް ސީރީސްގައި ކުރި ލިބިފައިވަނިކޮށް، ރިސްކެއް ނަގަން ބޭނުންނުވުމުން މެޗު ނިންމާލަން ނިންމީ ކަމަށެވެ.
ޕާކިސްތާންގެ ކެޕްޓަން މިސްބާހުލް ހައްގު ބުނީ ލަންކާ އިން މެޗު ނިންމާލަން ބޭނުންވުމުން އޭނާ ހައިރާންވި ކަމަށެވެ. އަދި ޕާކިސްތާނަށް މި ސިލްސިލާ ގެއްލުނީ ނަސީބު ދެރަކަމުން ކަމަށެވެ. -- އޭއެފްޕީ

0 comment