މި މަހު ފަހުކޮޅު ލަންޑަންގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މި ފަހަރު ގިނަ ތަރިންތަކެއް ފެންނާނެ އެވެ. މި ވަގުތު ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންގެ އިތުރުން، ޔޫރަޕްގައި ފެންވަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިން ވެސް މި ފަހަރު އޮލިމްޕިކްސްގައި ވާދަކުރާނެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓުގައި ޖާދޫ ދައްކާލާނެ ކަމަށް ބެލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ.
ޑަވިޑް ޑެހެއާ (ސްޕެއިން)
ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަންކުރާ ސްޕެއިން އިން މި އަހަރު އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމުގެ އަޒުމުގައި ނުކުންނައިރު، އެ ޓީމުގެ ގޯލް ބަލަހައްޓާ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑަވިޑް ޑެހެއާ އަކީ ޓީމުގެ ކެޕްޓަނެވެ.
ޑެހެއާ، ،21 އަކީ މީގެ ކުރިން ވެސް ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ތަޖުރިބާތަކެއް ހޯދައިފައިވާ ކުޅުންތެރިއެކެވެ. ޑެހެއާ ވަނީ 2010 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އެތުލެޓިކޯ އިން މިދިޔަ ސީޒަންގައި ޔުނައިޓެޑަށް ބަދަލުވި ޑެހެއާ އަށް މިދިޔަ ސީޒަންގެ ކުރީކޮޅު ގިނަ ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، އޭނާ ވަނީ ސީޒަންގެ ފަހުބައިގައި ފެންވަރު ސާބިތުކޮށްދީފަ އެވެ. ޑެހެއާ އަކީ އޮލިމްޕިކްސްގައި ފެންނާނެ އެންމެ ތަޖުރިބާކާރު އެއް ކީޕަރެވެ.
ތިއާގޯ ސިލްވާ (ބްރެޒިލް)
އިޓަލީގެ އޭސީ މިލާނުން ބޮޑު އަގެއްގައި ފްރާންސްގެ ޕީއެސްޖީ އަށް ދާދި ފަހުން ބަދަލުވި ތިއާގޯ ސިލްވާ އަކީ އޮލިމްޕިކްސްގައި ބްރެޒިލް ޓީމުގެ ކެޕްޓަނެވެ. ބްރެޒިލް ޓީމުގައި ހިމަނައިފައިވާ އުމުރުން ދޮށީ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސިލްވާ ، ،27 އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި ކުޅޭ އެންމެ ދޮށީ އެއް ކުޅުންތެރިއާ އެވެ.
މިލާންގައި ސިލްވާ ހޭދަކުރި ތިން އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ހޯދައިފަ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލް ޓީމުގައި އުންމީދީ ގިނަ ފޯވަޑުންތަކެއް ހިމެނެ އެވެ. އެކަމަކު ސިލްވާގެ ތަޖުރިބާއަކީ ހަމަގައިމު ވެސް މުބާރާތުގައި ބްރެޒިލް އަށް ވަރަށް މުހިންމު އެއްޗަކަށް ވާނެ އެވެ.
އޮރިއޮލް ރޮމެއޫ (ސްޕެއިން)
އޮރިއޮލް ރޮމެއޫގެ އުމުރުން އެންމެ 20 އަހަރު ވިޔަސް، މިދިޔަ ސީޒަންގައި އޭނާ ވަނީ ޗެލްސީ އަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. ރޮމެއޫ އަކީ ޑިފެންސަށް ނުވަތަ ޑިފެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
ޗެލްސީގެ މެދުތެރެއަށް މިހާރު ކުޅޭ ތަޖުރިބާކާރު ކުޅުންތެރިންގެ ބަދަލުގައި އާ ކުޅުންތެރިންނަށް އެ ކްލަބުން ވިސްނަމުންދާއިރު، ރޮމެއޫ އަށް ކުރިއަށް އޮތް ސީޒަންގައި އެ ޓީމުން އިތުރު ފުރުސަތުތައް ތަނަވަސްވެދާނެ އެވެ.
ޖިއޮވާނީ ޑޮސް ސަންތޮސް (މެކްސިކޯ)
ޖިއޮވާނީ ޑޮސް ސަންތޮސްގެ ހުނަރާމެދު ސުވާލުކުރާނެ މީހަކު މަދުވާނެ އެވެ. އެކަމަކު ޒުވާން ކުޅުންތެރިއާގެ ކެރިއަރުގައި މިހާތަނަށް ކްލަބު ފެންވަރުގައި މާ ރަނގަޅު ހިސާބަކަށް ދެވިފައެއް ނުވެ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ޑޮސް ސަންތޮސް އަށް އެ ކްލަބުގައި ވެސް ރަނގަޅަށް ފައިހަރުކޮށްލެވޭ ގޮތެއް އަދި ނުވެ އެވެ.
ބާސެލޯނާ އަށް ކުރިން ކުޅުނު ޑޮސް ސަންތޮސްގެ އަސްލު ފެންވަރު ފަހަކަށް އައިސް ބޮޑަށް ފެންނަނީ ގައުމީ ޓީމުގެ ޖޯޒީގަ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މެކްސިކޯގެ ޓީމަށް ޑޮސް ސަންތޮސްގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. ފަހަކަށް އައިސް މެކްސިކޯގެ ގައުމީ ޓީމު ނެރެމުންދާ ރަނގަޅު ނަތީޖާތަކުގައި ޑޮސް ސަންތޮސްގެ ހިއްސާ ބޮޑެވެ.
ޓީމަށް ނާރާތީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވެފައި ހުރި ޑޮސް ސަންތޮސް އަށް އަމިއްލަ ގޮތުން ބަލާއިރު ވެސް އޮލިމްޕިކްސް މުހިންމެވެ. އޮލިމްޕިކްސްގައި ރަނގަޅު ކުޅުމެއް ދައްކައިގެން އެހެން ކްލަބްތަކުގެ ސަމާލުކަން ހޯދުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.
ލުއިޒް ސުއަރޭޒް (އުރުގުއޭ)
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަންގެ އެންމެ ވިދުން ގަދަ އެއް ތަރިއަކީ ލިވަޕޫލްގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. ފާއިތުވި ދެ އަހަރު އުރުގުއޭގެ ގައުމީ ޓީމަށް ވެސް އޭނާގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ.
ސުއަރޭޒް އަކީ އޭނައާ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް ހުރި ނުރައްކަލެކެވެ. ގިނަ ލަނޑުތަކެއް ޖެހުމުގެ އިތުރުން އޭނާ އަކީ އެހެން ކުޅުންތެރިންނަށް ލަނޑުޖެހުމުގެ ފުރުސަތުތައް ތަނަވަސްކޮށްދޭ ކުޅުންތެރިއެކެވެ. އަދި އަމިއްލަ ހުނަރުން އިދިކޮޅު ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގެ ހުނަރު އޭނާ އަށް ލިބިފައިވެ އެވެ.
އެލެކްޒަންޑާ ޕަޓޯ (ބްރެޒިލް)
ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން ނެގި ސްކޮޑުން ބާކީކުރި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޕަޓޯ ހިމެނެ އެވެ. އެކަމަކު އެއަށް ފަހު އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދަން ފަށައިފަ އެވެ.
އޭސީ މިލާންގެ ފޯވަޑް ޕަޓޯ އަކީ އޮލިމްޕިކްސްގައި ބްރެޒިލްގެ ޓީމަށް މުހިންމު ކުޅުންތެރިއަކަށް ވާނެ އެވެ. ހާއްސަކޮށް އޭނާ އަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފައިފި ނަމަ، ބްރެޒިލް އަށް ރަނގަޅު ހިސާބަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މާކޯ ފަބިއަން (މެކްސިކޯ)
މެކްސިކޯގެ މާކޯ ފަބިއަން ، ،22 އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ނޫނެވެ. އެކަމަކު އޭނާ އަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް އެންމެން ވެސް ގަބޫލްކުރާނެ އެވެ. ފަބިއަން އަކީ ފޯވަޑަކަށް ނުވަތަ އެޓޭކިން މިޑްފީލްޑަރަކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމަށް ފަބިއަން މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ހަވިއޭ ހެނާންޑޭޒް އޮލިމްޕިކްސްގައި ނުކުޅޭއިރު، މެކްސިކޯގެ ޓީމުގެ ފޯވަޑް ލައިންގައި އިސް ރޯލެއް ކުޅެންޖެހޭނީ ފަބިއަންއަށެވެ.
އެޑިސަން ކަވާނީ (އުރުގުއޭ)
އޮލިމްޕިކްސްގެ ރަން މެޑަލް އުރުގުއޭ ހޯދާނެ ކަމަށް ގިނަ މީހުން ގަބޫލްކުރާ އެއް ސަބަބަކީ ނަޕޯލީގެ ފޯވަޑް އެޑިސަން ކަވާނީ އެވެ. ގޯލާ ރައްޓެހި ފޯވަޑް ކަވާނީ އާއި ލުއިސް ސުއަރޭޒްގެ ޕާޓްނަޝިޕަކީ އޮލިމްޕިކްސްގައި އުރުގުއޭއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އޮތް ބޮލުގެ ރިހުމަކަށްވާނެ އެވެ.
މިދިޔަ ސީޒަންގައި ނަޕޯލީ އަށް 33 ލަނޑު ކާމިޔާބުކޮށްދީފައިވާ ކަވާނީ ފަހަކަށް އައިސް އުރުގުއޭގެ ގައުމީ ޓީމަށް ވެސް ވަނީ މުހިންމު ލަނޑުތަކެއް ޖަހައިދީފަ އެވެ.
ނޭމާ (ބްރެޒިލް)
މި އަހަރުގެ އޮލިމްޕިކްސްގައި އެންމެ ގިނަ މީހުން ސަމާލުކަން ދޭނެ އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ޒުވަން ފޯވަޑް ނޭމާ އެވެ. މިއީ ބްރެޒިލްގެ އުންމީދީ ކުޅުންތެރިއާ ބޮޑު މުބާރާތެއްގައި ގައުމީ ޓީމު ތަމްސީލްކުރާ ފުރަތަމަ ފަހަރެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ނޭމާ އަށް މިހާރު ވެސް ސަމާލުކަން ދެ އެވެ. އެކަމަކު ނޭމާ މިހާރު ކުޅެމުންދާ ސަންތޮސް އިން އޭނާ ދޫކޮށްލާކަށް ބޭނުމެއްނުވެ އެވެ. އެކަމަކު އޮލިމްޕިކްސްގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިއްޖެ ނަމަ، ޔޫރަޕްގެ ކްލަބުތަކުން އޭނާ ހޯދަން އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް ބެލެވެ އެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
1 comment