ދުނިޔޭގެ ކުޅިވަރު

ލަންޑަން އޮތީ އޮލިމްޕިކްސް އަށް ތައްޔާރުވެފައި: ލަންޑަންގެ މޭޔާ

ހަސަން ޝިފާން
23 ޖުލައި 2012 11:57
  • ލަންޑަންގެ އޮލިމްޕިކް ޕާކްގައި ގާއިމްކޮށްފައިވާ ވިލެޖްގައި ހުރި އޮލިމްޕިކް ރިންގްތަކުގެ ދަށުގައި އެތުލީޓުންތަކެއް މަޑުކޮށްލައިގެން: ލަންޑަން އޮތީ އޮލިމްޕިކަށް ތައްޔާރުވެފައި ކަމަށް އޮފިޝަލުން ބުނޭ. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (ޖުލައި 23) - އޮލިމްޕިކް ގޭމްސް ބޭއްވުމަށް ލަންޑަން އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ލަންޑަންގެ މޭޔާ ބޮރިސް ޖޯންސަން އިއްޔެ ބުނެފި އެވެ.

އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މުބާރާތުގެ ސެކިއުރިޓީ އާއި ދަތުރު ފަތުރުގެ ނިޒާމްތައް ވެސް ރަނގަޅު ކަމަށް ޖޯންސަން ވިދާޅުވި އެވެ.

ި "ބޮޑު ކަމަކާ ކުރިމަތިލުމުގެ ކުރިން އެކަމަމެދު ވިސްނިން، ފިނިވާނެ. އެގޮތަށް މިހާރު އަހަރެމެންގެ އިހުސާސްތައް ވެސް ހުރީ،" ބީބީސީއާ ވާހަކަދައްކަވަމުން ޖޯންސަން ވިދާޅުވި އެވެ.

ޖޯންސަން ވިދާޅުވީ އޮލިމްޕިކްސް އަށް މީގެ ކުރިން އެންމެ ރަނގަޅަށް ތައްޔާރުވި ސިޓީތަކާ އެއް ފެންވަރެއްގައި ލަންޑަން ވެސް ތައްޔާރުވެފައިވާ ކަމަށް ލަންޑަންގައި މިހާރު ހުންނެވި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ ރައީސް ޖެކް ރޯގް ވިދާޅުވެފައިވާ ކަމަށެވެ.

ޖޯންސަން ވިދާޅުވީ އޮލިމްޕިކް ގޭމްސްގެ ސަބަބުން ލަންޑަން އަށް މާލީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މި އަހަރުގެ އޮލިމްޕިކް ގޭމްސް ބޭއްވުމުގެ ފުރުސަތު 2005 ވަނަ އަހަރު ލަންޑަނަށް ލިބުނުއިރު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކަށް ހުންނެވި ޓޯނީ ބްލެއާ ވިދާޅުވީ އޮލިމްޕިކް ގޭމްސްއަކީ އިނގިރޭސިވިލާތަށް ލިބޭ ވަރަށް ބޮޑު ޕްރޮމޯޝަނެއް ކަމަށެވެ.

"މިއީ ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓެއް. ގައުމަށް ލިބޭ ފައިދާއެއްގެ ބޮޑުކަމުން އެތުލީޓުން މި މުބާރާތުގައި އޭހާ ބޮޑު ވާދައެއް ކުރަނީ،" ބްލެއާ ވިދާޅުވި އެވެ.

އޮލިމްޕިކްގައި ވާދަކުރާ ގައުމުތަކުގެ އެތުލީޓުން މިހާރު ދަނީ އެތުލީޓުންގެ ވިލެޖަށް ޖަމާވަމުންނެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި