ޝަންހާއީ، ޗައިނާ (ޖުލައި 24) - ބްރެޒިލްގެ ސައޮ ޕޯލޯގެ މިޑްފީލްޑަރު ލޫކަސް މޯރާ ގެންނަން ޝައުގުވެރިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ނަމަވެސް ފާގަސަން ވަނީ އޭނާ ގަތުމަށް ސައޮ ޕޯލޯއާ އެކު 40.3 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އެއީ ރަނގަޅު ވާހަކައެއް ނޫން. އަހަރެމެންނަށް އަދި އެއްބަސްވުމަކަށް ނާދެވޭ،" ޗައިނާ އަށް ކުރަމުންދާ ޓުއާގައި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުންޏެވެ. "އަހަރެމެން އޭނާ އަށް ޝައުގުވެރިކަން ފާޅުކުރިން. އެއްބަސްވުމެއް ނެހެދޭހާ ހިނދަކު އަހަރެމެންނަކަށް ނުބުނެވޭނެ އެއީ އަހަރެމެންގެ ކުޅުންތެރިއެކޭ."
އުމުރުން 19 އަހަރުގެ މޯރާ މި ވަގުތު ހުރީ އޮލިމްޕިކްސްގައި ވާދަކުރުމަށް ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމާއެކު ލަންޑަނުގަ އެވެ.
ޔުނައިޓެޑުން ވަނީ އާ ސީޒަނަށް ތައްޔާރުވާން ޖަޕާނުގެ މިޑްފީލްޑަރު ސިންޖީ ކަގާވާ އާއި އިންގްލެންޑުގެ 18 އަހަރުގެ މިޑްފީލްޑަރެއް ކަމަށްވާ ނިކް ޕޮވެލް ގެނެސްފަ އެވެ.
ފާގަސަން ބުނީ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އެކަކަށް ވުރެ ގިނަ ކުޅުންތެރިން ލައްވާ ސޮއިކުރުވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އަހަރެމެން މިހާތަނަށް ދެ ކުޅުންތެރިން ލައްވާ ސޮއިކުރުވައިފިން. އަހަރެން ގަބޫލުކުރަނީ އެ ދެ ކުޅުންތެރިންގެ ކިބައިގައި ފެންވަރު ހުރި ކަމަށް. އިތުރު އޮޕްޝަންތަކަށް މިހާރު އަންނަނީ ބަލަމުން. އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން،" ފާގަސަން ބުންޏެވެ.
ޔުނައިޓެޑުން އެންމެ ބޮޑަށް މިހާރު މަސައްކަތްކުރަނީ އާސެނަލްގެ ފޯވާޑް ރޮބިން ވޭން ޕާސީ ގެނައުމަށެވެ. އޭނާ ހޯދުމަށް ޔުނައިޓެޑުން އެންމެ ބޮޑަށް ވާދަކުރަން ޖެހެނީ މެންޗެސްޓާ ސިޓީއާ ޔުވެންޓަސްއާ އެވެ.

0 comment