ބަޔާން މިއުނިކް

ބަޔާނުގެ އަލަބާ އޮޕަރޭޝަނެއް ކުރަނީ

މުހައްމަދު ހަމްދޫން
24 ޖުލައި 2012 12:03
  • އަލަބާ (ކ) އާއި މާރިއޯ ގޯމޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --އޭއެފްޕީ

މިއުނިކް (ޖުލައި 24) - ފައިތިލަ އަށް ލިބިފައިވާ އަނިޔާއެއް ރަނގަޅު ކުރުމަށް ބަޔާން މިއުނިކުގެ އޮސްޓްރިއާ ފުލް ބެކް ޑޭވިޑް އަލަބާ މިއަދު އޮޕަރޭޝަނެއް ކުރާނެ ކަމަށް ކްލަބުން ބުނެފި އެވެ.

ޔޫރަޕުގެ އެންމެ އުއްމީދީ ޑިފެންޑަރުގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ދިޔައީ އެކުވެރިކަމުގެ މެޗެއްގައި މިދިޔަ ހުކުރު ދުވަހު އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އިޓަލީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާ އިން އޭނާ ސަލާމަތްކުރުމަށް، އޮޕަރޭޝަން ކުރުމަށް ކްލަބުގެ ޑޮކްޓަރުން އިއްޔެ ނިންމީ އިތުރު ގޮތެއް ނެތުމުންނެވެ.

އަނެއްކޮޅުން އެ މެޗުގައި އަނިޔާވި އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު ރަފީނިއާ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށް ކްލަބުން ވަނީ ބުނެފަ އެވެ. ރަފީނިއާ އަށް އަނިޔާވީ ކުޑަހުޅުގެ ލިގަމެންޓަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދެ ކުޅުންތެރިންގެ އަނިޔާއާ ގުޅިގެން ބަޔާނުން އަންނަނ ޑިފެންޑަރެއް ގަތުމަށް ވިސްނަމުންނެވެ. ނަމަވެސް އެ ކްލަބުގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގާ ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އުމުރުން 19 އަހަރުގެ އަލަބާ ވަނީ މިދިޔަ ސީޒަނުގައި ބަޔާނުގައި މެދުތެރެ އަދި ވާތު ބެކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަޔާން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެސް އޭނާ އެވެ. އަލަބާ ގެންދިއުމަށް ބާސެލޯނާ އިން 12 މިލިއަން ޔޫރޯގެ ބިޑެއް ކުރި ނަމަވެސް ބަޔާނުން ވަނީ އޭނާ ނުވިއްކަން ނިންމައިފަ އެވެ. ބަދަލުގައި ބާސެލޯނާ އިން ގެނައީ ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ އެވެ.

ބަޔާން މިއުނިކުގެ ޔޫތު ޓީމުން ފާހަގަކުރެވުނު އޮސްޓްރިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަލަބާ އެ ކްލަބުގެ ސީނިއާ ޓީމާ ގުޅުނީ 2010 ވަނަ އަހަރު އެވެ. އުމުރުން 19 އަހަރުގައި އޮސްޓްރިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު ހޯދި އަލަބާ އޮސްޓްރިއާ އަށް އުފަންވި ނަމަވެސް އޭނާގެ ބައްޕަ އަކީ ނައިޖީރިއާ މީހެކެވެ. މަންމަ އަކީ ފިލިޕީންސް މީހެކެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި