ލަންޑަން (ޖުލައި 28) - މިހާތަނަށް ނުފެންނަވަރުގެ ކުލަގަދަ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، އޮލިމްޕިކް ގޭމްސް ރޭ ލަންޑަނުގައި ރަސްމީކޮށް ފަށައިފި އެވެ.
ގޭމްސް އަށް ލަންޑަނުގައި ބިނާކުރި އޮލިމްޕިކް ސްޓޭޑިއަމުގައި އޮތް ރަސްމިއްޔާތުގައި އޮލިމްޕިކް ދަންމަރު ރޯކުރީ ޒުވާން ހަތް އެތުލީޓެކެވެ. ރަން މެޑަލް ހޯދާފައިވާ އެތުލީޓަކު ލައްވާ މީގެ ކުރީގެ ގޭމްސްތަކުގައި ދަންމަރު ރޯކުރި ނަމަވެސް ލަންޑަނުން ނިންމީ އެ އުސޫލު ބަދަލުކުރާށެވެ. އެއް ބިލިއަން މީހުން ޓީވީން ބެލި މި ރަސްމިއްޔާތަށް ދަންމަރު ގެނައީ ފަލި ޖެހުމުން ފަސް ފަހަރު ރަން މެޑަލް ހޯދާފައިވާ އިނގިރޭސި އެތުލީޓް ސްޓީވް ރެޑްގްރޭވް އެވެ. އޭނާއާ ހަމަޔަށް ދަންމަރު ގެނެސްދިނީ، ތޭމްސް ކޯރު ހުރަސްކޮށް ސްޕީޑް ބޯޓެއްގައި އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ.
ރަސްމިއްޔާތަށް އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެ ވަނަ ވަޑައިގަތުމުގެ ކުރިން، ޖޭމްސް ބޮންޑުގެ ފިލްމެއްގެ މަންޒަރެއްގައި ރާނީ، ޖޭމްސް ބޮންޑުގެ އެކްޓަރު ޑެނިއަލް ކްރެއިގާ އެކު ހެލިކޮޕްޓަރަކުން ޕެރެޝޫޓް އަޅައިގެން ދަނޑަށް ފައިބާ މަންޒަރު ދައްކަ އެވެ. ނަމަވެސް އެ މަންޒަރުގައި ރާނީގެ ރޯލު އަދާކޮށްފައިވަނީ އެހެން ފަރާތެކެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހުށަހަޅައިދިން އެހެން ފަންނާނުންގެ ތެރޭގައި ކޮމޭޑިއަން މިސްޓަ ބީންގެ ކެރެކްޓާއަދާކުރާ ރޮވާން އެޓްކިންސަން އާއި ބީޓްސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕޯލް މެކާޓްނީ ހިމެނެ އެވެ. މި ޝޯ ޑައިރެކްޓްކުރީ އޮސްކާ ހޯދާފައިވާ ފިލްމް ސްލަމް ޑޯގް މިލިއަނާގެ ޑައިރެކްޓަރު ޑެނީ ބޮޔޭލް އެވެ.
މި ރަސްމިއްޔާތުގައި، އިނގިރޭސި ވިލާތުން ތަރައްގީގެ މަގުގައި ހޯދާފައިވާ ކުރިއެރުން ތުރީޑީ މަންޒަރުތަކުން ދައްކާލި އެވެ. މީގެ އިތުރުން ވެސް ނެށުމުގެ ހަރަކާތްތަކާއި ޑްރާމާތައް ހުށަހަޅައިދިނެވެ. އަދި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތްތަކެއް އޮތެވެ.
ޒަމާނީ ކުޅިވަރު ތަރައްގީ ކުރުމުގައި އިނގިރޭސިންގެ ހިއްސާ އޮތް މިންވަރު ސިފަކޮށްދެއްވަމުން މި ރަސްމިއްޔާތުގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ ޗެއާމަން ޖެކް ރޯގް ވިދާޅުވީ "އޮލިމްޕިކްސް އަމިއްލަ ގައުމަށް" އައީ ކަމަށެވެ.
ރަސްމިއްޔާތުގެ އެތުލީޓު ޕެރޭޑުގައި، ދަނޑަށް ވަދެތިބި 80،000 މީހުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ ޖެމެއިކާގެ ދިދަ އުފުލި، ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓަށެވެ. މީގެ އިތުރުން އޮލިމްޕިކްސްގައި ވާދަކުރާ ހުރިހާ ގައުމެއްގެ އެތުލީޓުން ގައުމުތަކުގެ ސަގާފީ ހެދުމުގައި ޕެރޭޑުގައި ބައިވެރިވި އެވެ. ޕެރޭޑުގައި ރާއްޖޭގެ ދިދަ އުފުލީ ބެޑްމިންޓަން ތަރި މުހައްމަދު އަޖުފާން ރަޝީދެވެ.
ހަތަރު ގަޑިއިރުގެ މި ޝޯ އަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން ތައުރީފު އަންނަނީ އޮހެމުންނެވެ. މިއީ މިހާތަނަށް އޮލިމްޕިކްސް ގޭމްސްއެއްގައި ނުފެންވަރުގެ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތެކެވެ. --އޭއެފްޕީ


0 comment