ދުނިޔޭގެ ކުޅިވަރު

އިނގިރޭސި ކުރީގެ މަޝްހޫރު ރެފްރީ ޓޭލާ މަރުވެއްޖެ

މުހައްމަދު ހަމްދޫން
28 ޖުލައި 2012 14:04
  • 1974 ގެ ވޯލްޑް ކަޕް ފައިނަލުގައި ހުޅަނގު ޖަރުމަނުގެ ޑިފެންޑަރެއްގެ ޓެކުލަކަށް ނެދަލެންޑެސްގެ ކްރައިފް )މ( ވެއްޓޭއިރު އިނގިރޭސި ރެފްރީ ޓޭލާ ކަށިގަނޑު ފުމެން ތައްޔާރުވަނީ: މިއީ ވޯލްޑް ކަޕް ފައިނަލެއްގައި ދިން ފުރަތަމަ ޕެނަލްޓީ.

ލަންޑަން (ޖުލައި 28) - އިންގްލެންޑުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ރެފްރީ ޖެކް ޓޭލާ އުމުރުން 82 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ޓޭލާ އަކީ 1974 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި ނެދަލެންޑްސް އަތުން 2- 1 އިން ހުޅަނގު ޖަރުމަން މޮޅުވި ތާރީހީ ފައިނަލް މެޗުގެ ރެފްރީ އެވެ. އެ މެޗުގެ ދެ ވަނަ މިނެޓުގައި އޭނާ ނެދަލެންޑްސް އަށް ދިން ޕެނަލްޓީއަކީ ވޯލްޑް ކަޕުގެ ފައިނަލެއްގައި ދިން ފުރަތަމަ ޕެނަލްޓީ އެވެ. އެ ޕެނަލްޓީން ނެދަލެންޑްސް ލީޑު ނެގި ނަމަވެސް ފަހަތުން އަރައި ޖަރުމަނުން، އަމިއްލަ ދަނޑުގައި ކުޅުނު ފައިނަލް ކާމިޔާބުކުރި އެވެ. ޖަރުމަނުގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ވެސް ޓޭލާ ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

އިނގިރޭސި އެފްއޭގެ ޗެއާމަން ޑޭވިޑް ބާންސްޓެއިން ވިދާޅުވީ މުޅި އިނގިރޭސި ފުޓްބޯޅަ އާއިލާ އިން ޓޭލާގެ ހަނދާންތައް އާކުރާނެ ކަމަށެވެ. އަދި އޭނާގެ ޕްރޮފެޝަނަލިޒަމުގެ ސަބަބުން ރެފްރީންގެ ފެންވަރު އާ ހަރުފަތަކަށް ދިޔަ ކަމަށެވެ.

ވޯލްޑް ކަޕުގެ ފައިނަލުގެ އިތުރުން އޭނާ ވަނީ 1966 ގެ އިނގިރޭސި އެފްއޭ ކަޕާއި 1971 ގެ ޔޫރަޕިއަން ކަޕުގެ ފައިނަލުގައި ރެފްރީކަންކޮށްފަ އެވެ. ފީފާގެ އެންމެ ޝަރަފްވެރި ރެފްރީންގެ ތެރޭގައި ހިމެނޭ ޓޭލާ ވަނީ 1000 އަށް ވުރެ ގިނަ މެޗުގައި ރެފްރީކަންކޮށްފަ އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ 100 އަށް ވުރެ ގިނަ މެޗު ހިމެނެ އެވެ. އިންގްލެންޑުގެ އެންމެ މޮޅު ރެފްރީގެ ގޮތުގައި ގިނަ ބަޔަކު ބަލާ ޓޭލާ ވަނީ ޔޫރަޕާއި ދެކުނު އެމެރިކާ އާއި ދެކުނު އެފްރިކާ އަދި ޗައިނާގެ މުބާރާތްތަކުގެ ފައިނަލުގައި ރެފްރީކަންކޮށްފަ އެވެ.

ތެއްތިރީސް އަހަރަށް ފަހު ރެފްރީކަމުން ރިޓަޔާކުރުމަށް ފަހު އޭނާ މަސައްކަތްކުރީ އިނގިރޭސި ދެ ވަނަ ޑިވިޝަން ކަމަށްވާ ފުޓްބޯޅަ ލީގުގެ ރެފްރީޒް ކޮމިޓީގަ އެވެ. އަދި އެ ލީގުގެ ސްޕޮންސާ މެނޭޖްމަންޓް ބައިގައި ވެސް މަސައްކަތްކުރި އެވެ. ފުޓްބޯލް ލީގުގެ ޗެއާމަން ގްރެގް ކްލާކް ވިދާޅުވީ ޓޭލާ ކުރި ފަދަ ހިދުމަތެއް ފުޓްބޯޅައަށް ކޮށްދެވޭނީ ވަރަށް މަދު ފަރާތަކަށް ކަމަށެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި