ލަންޑަން އޮލިމްޕިކްސް

19 ވަނަ މެޑައްޔާ އެކު ފެލްޕްސް ތާރީހުގެ ތެރެއަށް

ހަސަން ޝިފާން
01 އޯގަސްޓް 2012 11:30
  • 200 މީޓަރު ބަޓާފްލައިގެ ފައިނަލްގައި އެމެރިކާގެ ފެލްޕްސް ވާދަކުރަނީ. -- ފޮޓޯ / އޭއެފްޕީ

  • 200 މީޓަރު ބަޓާފްލައިގެ ފައިނަލްގައި އެމެރިކާގެ ފެލްޕްސް ވާދަކުރަނީ. -- ފޮޓޯ / އޭއެފްޕީ

  • 200 މީޓަރު ފްރީ ސްޓައިލް ރިލޭގެ ފައިނަލަށް ފަހު ފެލްޕްސް ރަން މެޑައްޔާއެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (އޯގަސްޓް 1) - ލަންޑަންގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 200 މީޓަރު ފްރީ ސްޓައިލް ރިލޭގެ ރަން މެޑައްޔާ އެކު އޮލިމްޕިކް ގޭމްސްގައި 19 މެޑަލް ހަމަކޮށް، ތާރީހުގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓުގެ މަގާމް އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލްޕްސް ރޭ ހޯދައިފި އެވެ.

ޗައިނާގައި 2008 ވަނަ އަހަރު އޮތް އޮލިމްޕިކް ގޭމްސްގައި ފެލްޕްސް ވަނީ އަށް ރަން މެޑަލް ހޯދައިފަ އެވެ. ފެލްޕްސް ވަނީ 2004 ވަނަ އަހަރު ގްރީސްގައި އޮތް އޮލިމްޕިކް ގޭމްސްގައި ހަ ރަން މެޑައްޔާއި ދެ ބްރޯން މެޑަލް ހޯދައިފަ އެވެ. މިހާރު ކުރިއަށްދާ އޮލިމްޕިކްގައި އޭނާ ވަނީ މިހާތަނަށް އެއް ރަން މެޑައްޔާއި ދެ ރިހި މެޑަލް ހޯދައިފަ އެވެ.

ރޭ އޮތް 200 މީޓަރު ބަޓަފްލައިގެ ފައިނަލްގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެ އިވެންޓުގެ ރަން މެޑަލް ކާމިޔާބުކުރަން ފެލެޕްސް ، ،27 ނުކުތް ނަމަވެސް އޭނާ ފުއްދާލަންޖެހުނީ ރިހި މެޑައްޔަކާ އެކު އެވެ. ފެލްޕްސް ފަހަތަށް ޖައްސާލުމަށް ފަހު އެ އިވެންޓުގެ ރަން މެޑަލް ހޯދީ ދެކުނު އެފްރިކާގެ ޗާޑް ލެކްލޮސް އެވެ. އެކަމަކު މި އިވެންޓުގައި ލިބުނު މެޑައްޔާ އެކު އޮލިމްޕިކް ގޭމްސްގައި ޖުމްލަ 18 މެޑަލް ހަމަކޮށް، ފެލްޕްސް ވަނީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ލާރީސާ ލަޓީނީނާ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

އަށާރަ ވަނަ މެޑަލް ހޯދިތާ ގަޑިއިރެއް ފަހުން ފެލްޕްސް އެމެރިކާގެ ޓީމާއެކު 200 މީޓަރު ރިލޭ އަށް ނުކުމެ، ފްރާންސް އާއި ޗައިނާ ފަހަތަށް ޖައްސާލުމަށް ފަހު އެ އިވެންޓުގެ ރަން މެޑަލް ވަނީ ކާމިޔާބުކޮށްފަ އެވެ.

"އަހަރެން އަޒުމުކަނޑައެޅީ މީގެ ކުރިން އެކަކު ވެސް ހާސިލްނުކުރާ ކާމިޔާބެއް ހޯދުމަށް. އެ ހިސާބުން އަހަރެން ހުރީ ކުރިމަތިވި ހުރަހަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަށް ތައްޔާރަށް،" ފެލްޕްސް ބުންޏެވެ. "އަހަރެން އަބަދު ވެސް ބުނާ ވާހަކައެއް މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނޭ. މިއީ މި ފަހަރު އަހަންނަށް ލިބުނު ފުރަތަމަ ރަން މެޑަލް. އެހެންވީމަ ވަރަށް އުފާވެއްޖެ."

މިއީ އޮލިމްޕިކްގެ ތާރީހުގައި އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ފެލްޕްސްގެ ފަހު އޮލިމްޕިކްސް އެވެ. އުމުރުން 15 އަހަރުގައި އޮލިމްޕިކްގައި ވާދަކުރަން ފެށި ފެލްޕްސް އަކީ ހަތަރު އޮލިމްޕިކްގައި ވާދަކުރި އެމެރިކާގެ ފުރަތަމަ ފިރިހެން ފެތުންތެރިޔާ އެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި