ފުޓްބޯޅަ

ވޭން ހާލުގެ ފުރަތަމަ ސްކޮޑުން ބޮމެލް ބާކީވެއްޖެ

މުހައްމަދު ހަމްދޫން
02 އޯގަސްޓް 2012 12:40
  • ނެދަލެންޑްސްގެ ކެޕްޓަން ބޮމެލް: އޭނާ އަށް ގައުމީ ޓީމުން ފުރުސަތެއް ނެތް. --އޭއެފްޕީ

ދަ ހޭގް (އޮގަސްޓް 2) - ކެޕްޓަން މާކް ވޭން ބޮމެލް ނުހިމަނައި، ނެދަލެންޑްސްގެ އާ ކޯޗު ލުއީ ވޭން ހާލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މެޗަށް ނެގި 32 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފި އެވެ.

ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މި މެޗު އޮންނާނީ އޮގަސްޓް 15 ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގަ އެވެ. ޕީއެސްވީގެ އުމުރުން 35 އަހަރުގެ ބޮމެލްގެ އިތުރުން ފުރުސަތު ނުލިބުނު ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިޔަކީ އެ ކްލަބުގެ ޑިފެންޑަރު ވިލްފްރެޑް ބޯމާ އެވެ. މީގެ ތެރެއިން ބޮމެލް އަށް ޔޫރޯގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު އިރު އޭނާ އަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. ޔޫރޯއަށް ފަހު ބޮމެލް ބުނީ ގައުމީ ޓީމުން ފުރުސަތު ލިބިއްޖެ ނަމަ ކުޅޭނެ ކަމަށާއި އެކަމަކު ގައުމީ ޓީމަށް ކުޅުމަށް އެހާ ބޮޑު އިސްކަމެއް ނުދޭނެ ކަމަށް ބުނެފަ އެވެ.

ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓި ޓީމުގެ ކޯޗުކަމުން ބާޓް ވޭން މާވިކް އިސްތިއުފާ ދިނުމުން ޓީމާ ހަވާލުވި ވޭން ހާލް ވަނީ، މާވިކް ނުނަގާ 11 ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި އޭސީ މިލާނުގެ އާބީ އެމެނުއެލްސަން އާއި މުޅިން އަލަށް ފުރުސަތު ދިން ބަސް ޑޮސްޓާއި ޖޯޑީ ކްލެސީ އަދި ރިކާޑޯ ވޭން ރީން ހިމެނެ އެވެ. ސްކޮޑް މި މަހުގެ 10 ވަނަ ދުވަހު 20 ކުޅުންތެރިންނަށް މަދުކުރާނެ އެވެ.

ބޮމެލް ނެތުމުން ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ރަފައެލް ވޭން ޑަ ވާޓެވެ. ވައިސް ކެޕްޓަނަކަށް ފެނަބާޗޭގެ ޑާކް ކައުޓް ހަމަޖައްސާފައިވާއިރު ދެ ވަނަ ވައިސް ކެޕްޓަނަކީ އިންޓަ މިލާނުގެ ވެސްލީ ސްނެއިޑާ އެވެ.

ނެދަލެންޑްސްގެ ކޯޗުކަން 2000- 2002 އަށް ވެސް ކުރި ވޭން ހާލުގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް ކުޅޭ ވާދަވެރި ފުރަތަމަ މެޗަކީ ސެޕްޓެމްބަރު 7 ގައި ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮލިފައިންގެ ގްރޫޕް ޑީ ގައި މި ދެ ޓީމުގެ އިތުރުން ހިމެނެނީ ހަންގޭރީ އާއި ރޫމޭނިއާ އާއި އެސްޓޯނިއާ އަދި އެންޑޯރާ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި