ލަންޑަން އޮލިމްޕިކްސް

މެޗު ދޫކޮށްލި ބެޑްމިންޓަން ކުޅުންތެރިން ޑިސްކޮލިފައިކޮށްފި

ހަސަން ޝިފާން
02 އޯގަސްޓް 2012 12:50
  • ވޭންގް (ކ) އާއި ޔޫ އިއްޔެ ކުޅެނީ: މި ދެ ކުޅުންތެރިން ވަނީ ޑަބަލްސް އިވެންޓުން ޑިސްކޮލިފައިކޮށްފައި. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (އޮގަސްޓް 2) - ލަންޑަންގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުގައި ގަސްދުގައި މެޗު ދޫކޮށްލި އަށް ކުޅުންތެރިން އަންހެން ޑަބަލްސް އިވެންޓުން ޑިސްކޮލިފައިކުރަން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އިއްޔެ ނިންމައިފި އެވެ.

ޑިސްކޮލިފައިކޮށްފައިވަނީ ދެކުނު ކޮރެއާގެ ހަތަރު ކުޅުންތެރިންނާއި އިންޑޮނޭޝިއާގެ ދެ ކުޅުންތެރިން އަދި ޗައިނާގެ ދެ ކުޅުންތެރިންނެވެ. މި ކުޅުންތެރިން ގަސްދުގައި ގުރޫޕްތަކުގެ ފަހު މެޗުތައް ދޫކޮށްލީ އެ މެޗުތަކުން ބަލިވެގެން ކުއާޓާ ފައިނަލްގައި ވަރުގަދަ ކުޅުންތެރިންނާ ކުޅެންނުޖެހުމުގެ ފުރުސަތު އޮތުމުންނެވެ. އިއްޔެ ކުޅުނު ކުއާޓާ ފައިނަލްތަކުގެ ކުރިން ބައެއް ގައުމުތަކުން ބީޑަބްލިއުއެފްގެ ނިންމުމަށް ކުރި އެޕީލް ވަނީ ގަބޫލްނުކޮށްފަ އެވެ.

ޑިސްކޮލިފައިކުރި ޗައިނާގެ ދެ ކުޅުންތެރިން ކަމަށްވާ ޔޫ ޔޭންގާއި ވޭން ޒިއައޮލީ އަކީ ދުނިޔޭގެ ޗެމްޕިއަނުންނެވެ. ޑިސްކޮލިފިކޭޝަނާ ގުޅިގެން ކުޅުން ހުއްޓާލަން ނިންމައިފައިވާ ކަމަށް ޔޫ ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.

"މިއީ އަހަރެން ވާދަކުރާ ފަހު މުބާރާތް. ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނަށް ސަލާމް. އަހަރެން ލޯބިވާ ބެޑްމިންޓަނަށް ސަލާމް،" ޔޫ ބުންޏެވެ.

ޔޫ އާއި ވޭންގް ވަނީ އަންގާރަ ދުވަހު ކުޅުނު މެޗުގައި ސީޑުކޮށްފައި ނުވާ ދެކުނު ކޮރެއާގެ ޕެއާއެއް ކަމަށްވާ ޖުން ކިއުންގާއި ކިމް ހާނާ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެފަ އެވެ. މި މެޗުން ބަލިވުމުން ޔޫ އާއި ވޭންގަށް ކުއާޓާގައި ޗައިނާގެ އެހެން ޕެއާއަކާ ކުޅޭކަށް ނުޖެހުނެވެ.

ބީޑަބްލިއުއެފް އިން ބުނީ ކުޅުންތެރިންނާމެދު ފިޔަވަޅުއެޅީ މެޗުން މޮޅުވާން އެކަށީގެންވާ މަސައްކަތް ނުކުރުމާއި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް އެ ކުޅުންތެރިންގެ ފަރާތުން ފެނުމުން ކަމަށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި