ލަންޑަން (އޮގަސްޓް 2) - އޮސްޓްރޭލިއާގެ ޖޭމްސް މެގްނެސަން އަތުން ސިކުންތެއްގެ ތަފާތުން މޮޅުވެ އެމެރިކާގެ ނޭތަން އެޑްރިއަން އޮލިމްޕިކްގެ 100 މީޓަރު ފެތުމުގެ ފްރީ ސްޓައިލްގެ ރަން މެޑަލް އިއްޔެ ހޯދައިފި އެވެ.
އެޑްރިއަން ރަން މެޑަލް ހޯދީ 47.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަން މެގްނެސަން އަށް ރޭސް ނިންމުނީ 47.53 ސިކުންތުންނެވެ. ރޭހުގެ ތިން ވަނަ ހޯދި ކެނެޑާގެ ބްރެންޓް ހޭޑަން ބްރޯންޒް މެޑަލް ހޯދީ 47.80 ސިކުންތުން ރޭސް ނިންމައިގެންނެވެ.
"100 މީޓަރުގެ ރޭސް ފާއިތުވި 10 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު ފެތުންތެރިން ވަރަށް އަވަސް،" 100 މީޓަރުގެ ރަން މެޑަލް ކާމިޔާބުކުރުމަށް ފަހު އެޑްރިއަން ބުންޏެވެ. "އަހަންނަށް މި ފަހަރު، ފަހުކޮޅު ވަރުގަދަ އަށް ނިންމާލެވުނީ. އަހަރެން ބޯ ހިއްލާލުމަށް ފަހު ބަލާލުމުން އެނގުނީ އަހަރެން މޮޅުވިކަން. ވަރަށް އުފާވި."
ދުނިޔޭގެ ރެކޯޑަކާ އެކު ހަންގޭރީގެ ޑެނިއެލް ގިޔުރްޓާ ވަނީ އިއްޔެ 200 މީޓަރު ބްރެސްޓްސްޓޯކްގެ ރަން މެޑަލް ހޯދައިފަ އެވެ. ގިޔުރްޓާ ރޭސް ނިންމާފައިވަނީ ރެކޯޑް ވަގުތެއް ކަމަށްވާ ދެ މިނިޓު 28: 7 ސިކުންތުންނެވެ. އޭނާގެ ފަހަތުން ރޭހުގެ ދެވަނަ ހޯދީ އިނގިރޭސިވިލާތުގެ މައިކަލް ޖޭމިސަން އެވެ. އޭނާ ރޭސް ނިންމީ ދެ މިނިޓު 43: 7 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ޖަޕާންގެ ރިޔޯ ޓަޓެއިޝީ އެވެ.
އަންހެނުންގެ 200 މީޓަރުގެ ބްރެސްޓްސްޓްރޯކުގެ ސެމީ ފައިނަލްގައި އިއްޔެ އެމެރިކާގެ ރެބޭކާ ސޯނީ ވަނީ ދުނިޔޭގެ ރެކޯޑް މުގުރާލައިފަ އެވެ. ސޯނީ ރެކޯޑް މުގުރާލީ ދެ މިނިޓު 00: 20 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެމެރިކާ އިން އަންހެނުންގެ 200 މީޓަރު ރިލޭ ރޭސް ކާމިޔާބުކުރީ އޮލިމްޕިކް އާ ރެކޯޑެއް ހެދުމަށް ފަހު އެވެ. އެމެރިކާގެ އަންހެން ޓީމުން ރިލޭ ކާމިޔާބުކުރީ ހަތް މިނިޓު 92: 42 ސިކުންތުން ރޭސް ނިންމައިގެނެވެ.
އަންހެނުންގެ 200 މީޓަރު ބަޓަފްލައިގެ ރަން މެޑަލް އިއްޔެ ކާމިޔާބުކުރީ ޗައިނާގެ ޖިއަޯ ލިއުޔާންގެވެ. -- އޭއެފްޕީ
0 comment