ލަންޑަން (އޮގަސްޓް 4) - އޮލިމްޕިކް ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ކުއާޓާ ފައިނަލްގައި ދުނިޔޭގެ ޗެމްޕިއަން ޖަޕާން އަތުން 2- 0 އިން ބަލިވެ، ބްރެޒިލް އިއްޔެ ކަޓައިފި އެވެ.
ވޭލްސްގެ ކާޑިފްގައި ކުޅުނު މެޗުގެ 27 ވަނަ މިނިޓުގައި ޖަޕާނަށް ލީޑު ހޯދައިދިނީ ޔުކީ އޮގީމީ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 17 މިނިޓަށްވެފައިވަނިކޮށް ޖަޕާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޝިނޯބޫ އޮނޯ އެވެ.
"ކުޅުންތެރިންނާމެދު ފަހުރުވެރިވަން،" މެޗަށް ފަހު ވާހަކަދައްކަމުން ޖަޕާންގެ ކެޕްޓަން އަޔާ މިޔާމާ ބުންޏެވެ. "ފުރަތަމަ ހާފުގައި އަހަރެމެންނަށް ތަންކޮޅެއް އުނދަގޫވި. އެކަމަކު ފަހުން އަހަރެމެން ރަނގަޅުކުރިން. އަހަރެމެންގެ ޑިފެންސް އިން ވަރަށް ރަނގަޅަށް ކުޅުނު. މެޑަލް ހޯދުމުގެ ފުރުސަތު އަހަރެމެންނަށް ވަރަށް ބޮޑުވެފައިވަނީ."
ބްރެޒިލްގެ ކެޕްޓަން މާތާ ބުނީ މުބާރާތުން ކެޓިޔަސް ބްރެޒިލް ޓީމު އެނބުރި ގައުމަށް ދާނީ "އިސް އުފުލައިގެން" ކަމަށެވެ.
"އަހަރެމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން. މިއީ ވަރަށް އުނދަގޫ ކަމެއް،" މާތާ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ހޯމަ ދުވަހު ޖަޕާނާ ދެކޮޅަށް ނުކުންނާނީ ފްރާންސް އެވެ.
ފްރާންސް ސެމީން ޖާގަ ހޯދީ ކުއާޓާގައި ސްވިޑަން އަތުން 2- 1 އިން މޮޅުވެގެންނެވެ. ސްވިޑަންގެ ނީލާ ފިޝާ މެޗުގެ 18 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް، މެޗުގެ 29 މިނިޓުގައި ފްރާންސަށް ނަތީޖާ އެއްވަރުކޮށްދިނީ ޖޯޖްސް ލޯރާ އެވެ. އަދި މެޗުގެ 39 ވަނަ މިނިޓުގައި ފްރާންސް މޮޅުވި ލަނޑު ކާމިޔާބުކުރީ ވެންޑީ ރެނާޑެވެ.
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އޮލިމްޕިކްގެ ރަން މެޑަލް ހޯދުމަށް މަސައްކަތްކުރަމުންދާ އެމެރިކާ ވަނީ ރޭ ކުޅުނު ކުއާޓާގައި ނިއު ޒިލޭންޑް އަތުން 2- 0 އިން މޮޅުވެ ސެމީން ޖާގަ ހޯދައިފަ އެވެ. އެމެރިކާ އަށް ލަނޑުޖަހައިދިނީ އެބީ ވެމްބެކާއި ސިޑްނީ ލެރޯ އެވެ.
"އަހަރެމެން މި ދަނީ ކާމިޔާބާ ދިމާލަށް. އަހަރެމެން މެޗުގެ ކޮންމެ ސިކުންތެއްގައި ރީތި ކުޅުމެއް ނުދައްކަފާނެ. އެކަމަކު އަހަރެމެން ބޭނުންވާ ނަތީޖާ އެބަހޯދަން،" މެޗަށް ފަހު ވެމްބެކް ބުންޏެވެ.
ސެމީގައި ހޯމަ ދުވަހު އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ކެނެޑާ އެވެ.
ކެނެޑާ ވަނީ ރޭ ކުޅުނު ކުއާޓާގައި އިނގިރޭސިވިލާތް އަތުން 2- 0 އިން މޮޅުވެފަ އެވެ. މެޗުގައި ކެނެޑާ އަށް ލަނޑުޖަހައިދިނީ ޖޮނޭލް ފިލިންގޯ އާއި ކްރިސްޓީން ސިންކްލެއާ އެވެ. -- އޭއެފްޕީ

ނިއު ރޭޑިއަންޓް - މާޒިޔާ މެޗު
0 comment