މެޑްރިޑް (އޮގަސްޓް 5) - ޑިސެމްބަރު މަހު ކުޅުމުގެ ތެރެއަށް އަންނަން މަސައްކަތްކުރަމުން އަންނަ ކަމަށް، ލިވާ ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިދިޔަ އޭޕްރިލް މަހު ކުރި ބާސެލޯނާ އާއި ފްރާންސްގެ ވާތު ބެކް އެރިކް އަބިދާލް ބުނެފި އެވެ.
"އަހަރެން މިހާރު ޖިމްގައި ތަމްރީން ހަދަން ފަށައިފިން. އަހަރެން މިހާރު މި އުޅެނީ އެނބުރި ކުޅުމުގެ ތެރެއަށް އައުމުގެ މަގުމަތީގައި. ބަލަމާ ޑިސެމްބަރު މަހުގެ ކުރިން ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް،" އަބިދާލް ބުންޏެވެ.
އޭނާ ބުނީ އަމާޒަކީ ޑިސެމްބަރު މަހު ކުޅުމުގެ ތެރެއަށް އައުން ކަމަށާއި ނަމަވެސް އެއަށް ވުރެ ލަސްވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
"މީގެ ތިން މަސް ކުރިއާ ބަލާއިރު މިހާރު ރަނގަޅު. އަހަރެން ޑޮކްޓަރުން ބުނާ ގޮތް ހަދަން. ހަގީގަތަކީ އަހަންނަށް މިހާރު ފަސޭހަކަން. އަހަންނަށް މިހާރު ދަތުރުކޮށް ފުޓްބޯޅަ ޓީމާ އެކު އުޅެވޭ،" އަބިދާލް ބުންޏެވެ.
އަބިދާލް ވަނީ ހޮނިހިރު ދުވަހުގެރޭ އެކުވެރިކަމުގެ މެޗެއްގައި ފްރާންސްގެ ޕީއެސްޖީ އަތުން ޕެނަލްޓީ ޖަހައިގެން 4- 1 އިން ބާސެލޯނާ މޮޅުވި މެޗު ރަމްޒީކޮށް ފަށައިދީފަ އެވެ.
އޭނާގެ ލިވާ ބަދަލުކުރީ، ލިވާގައި އުފެދުނު ޓިއުމަރެއް ނެގުމަށް އޮޕަރޭޝަނެއް ކުރިތާ އަހަރެއް ފަހުންނެވެ. އޭނާގެ ބަދަލަށް ބާސެލޯނާ އިން ވަނީ ސްޕެއިނުގެ ޒުވާން ޑިފެންޑަރު ޖޯޑީ އަލްބާ ގެނެސްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment