މެންޗެސްޓާ ޔުނައިޓެޑް

އަށް މަހަށް ފަހު ވިޑިޗް ކުޅުމުގެ ތެރެއަށް އަތުވެއްޖެ

މުހައްމަދު ހަމްދޫން
06 އޯގަސްޓް 2012 11:20
  • މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ވިޑިޗް: ކުޅުމުގެ ތެރެއަށް އަލުން ވަނީ އައިސްފައި. --އޭއެފްޕީ

މެންޗެސްޓާ (އޮގަސްޓް 6) - ކަކުލުގެ އަނިޔާ އިން ސަލާމަތްވެ، އަށް މަސް ދުވަހަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ނެމަންޔާ ވިޑިޗް ކުޅުމުގެ ތެރެއަށް އަތުވެއްޖެ އެވެ.

އޭނާ ވަނީ އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ނޯވޭގެ ވެލަރެންގާއާ 0- 0 އިން ޔުނައިޓެޑް އެއްވަރުވި މެޗުގައި 60 މިނެޓު ކުޅެފަ އެވެ. އުމުރުން 30 އަހަރުގެ ކުޅުންތެރިޔާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ޑިސެމްބަރު ފަހު ސްވިޒަލެންޑުގެ އެފްސީ ބަސެލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

"އަހަރެންގެ ކަކުލަށް މިހާރު ވަރަށް ފަސޭހަ. ކުރިއަށް އޮތް މެޗުތަކުގައި އިތުރަށް ރަނގަޅުވާނެ،" ވިޑިޗް ބުންޏެވެ.

ސްޕާޓަކް މޮސްކޯ އިން 2006 ވަނަ އަހަރު މެންޗެސްޓާ އަށް ބަދަލުވި ވިޑިޗް އަކީ ޔޫރަޕުގެ އެންމެ މޮޅު އެއް ޑިފެންޑަރެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ވިޑިޗް ވަނީ ސާބިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދައިފަ އެވެ.

އިއްޔެގެ މެޗުގައި ޔުނައިޓެޑުގެ ކޯޗު އެލެކްސް ފާގަސަން ނެތުމުން ޓީމަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު މައިކް ފެލަން އެވެ. އަދި ވާތު ބެކް ޕެޓްރީސް އެވްރާ ވަނީ އޭނާގެ އަންހެނުން ވިހާތީ، މި މެޗުގައި ނުކުޅެ އެނބުރި މެންޗެސްޓާ އަށް ގޮހެވެ. ސްވިޑަންގައި ބުދަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗަށް ފާގަސަން އާއި އެވްރާ ޓީމާ ގުޅޭނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި