ލަންޑަން އޮލިމްޕިކްސް

"އޮސްޓްރޭލިއާ އަށް އެދެވޭ ކާމިޔާބެއް ނުލިބެނީ ފަންޑިން ދަށްވުމުން"

ހަސަން ޝިފާން
06 އޯގަސްޓް 2012 13:04
  • ފަލިޖެހުމުގެ އިވެންޓެއްގެ ބްރޯންޒް މެޑަލް ހޯދި އޮސްޓްރޭލިއާގެ ކްރޯ: އޮސްޓްރޭލިއާ އަށް މި އަހަރުގެ އޮލިމްޕިކްގައި މިހާތަނަށް ލިބިފައިވަނީ އެންމެ ރަން މެޑައްޔެއް. -- ފޮޓޯ / އޭއެފްޕީ

ސިޑްނީ (އޮގަސްޓް 6) - ލަންޑަންގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އޮސްޓްރޭލިއާ އަށް އެދެވޭ ކާމިޔާބެއް ނުލިބެނީ ކުޅިވަރުތަކަށް ލިބޭ ފަންޑިން ދަށްވުމުން ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގައި ހިމެނޭ އޮސްޓްރޭލިއާގެ އެންމެ ސީނިއާ މެމްބަރު ކެވިން ގޮސްޕާ ބުނެފި އެވެ.

އޮލިމްޕިކް ގޭމްސްގައި މިހާތަނަށް އޮސްޓްރޭލިއާ އަށް ލިބިފައިވަނީ އެންމެ ރަން މެޑައްޔެކެވެ. މެޑަލް ތާވަލްގެ 24 ވަނައިގައި އޮސްޓްރޭލިއާ އޮތްއިރު، ަމި އަހަރުގެ އޮލިމްޕިކަކީ 1988 ވަނަ އަހަރަށް ފަހު އޮސްޓްރޭލިއާ އަށް އެންމެ ނާކާމިޔާބު އޮލިމްޕިކަށްވުމުގެ ފުރުސަތު ބޮޑެވެ. މި އަހަރުގެ އޮލިމްޕިކް ގޭމްސްގައި މިހާތަނަށް އޮސްޓްރޭލިއާ ނެރެފައިވާ ނަތީޖާތަކާމެދު އިތުރަށް ލަދުގަންނަންޖެހެނީ އެ ގައުމާ ވާދަވެރި ނިއު ޒިލޭންޑުން ވެސް މިހާތަނަށް އޮލިމްޕިކްގައި ތިން ރަން މެޑަލް ހޯދައިފައިވުމުންނެވެ. އަދި ކުޅިވަރުގައި އޮސްޓްރޭލިއާއާ ވާދަވެރި އިނގިރޭސިވިލާތުން ވެސް މިހާތަނަށް 16 ރަން މެޑަލް ވަނީ ހޯދައިފަ އެވެ.

ގޮސްޕާ ބުނީ ސަރުކާރުން ކުޅިވަރަށް ދޭ ބަޖެޓް ކުޑަކޮށް، ކުޅިވަރަށް ދޭ ސަމާލުކަން ކުޑަކުރުމުން އެތުލީޓުންގެ ފެންވަރަށް އަސަރުކުރަމުންދާ ކަމަށެވެ. އަދި މަތީ ފަންތީގެ ކޯޗުން ގެނެސް، މަތީ ފެންވަރުގެ އެތުލީޓުން އުފައްދަން ފައިސާ ބޭނުންވާނެ ކަމަށެވެ.

"އެހެން ގައުމުތަކުން، ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން ކުޅިވަރަށް ކުރާ ހަރަދާ އަޅާބަލާއިރު އަހަރެމެން ކުޑަ އެއްޗަކުން މި ފުއްދާލަންޖެހެނީ،" ގޮސްޕާ ބުންޏެވެ. "ރަން މެޑައްޔާއި ރިހި މެޑައްޔާ ދެމެދު ހުރި ތަފާތަކީ ފައިސާ." -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި