މިލާން (އޮގަސްޓް 8) - ސްޕެއިނުގެ ވިޔަރެއާލުގެ ކޮލަމްބިއާ ޑިފެންޑަރު ކްރިސްޓިއަން ޒަޕާޓާ އެއް އަހަރުގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސީޒަނުގައި ރެލިގޭޓްވި ވިޔަރެއާލުން މިލާނާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެއް އަހަރަށް ފަހު އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތު މިލާނަށް ލިބޭނެ އެވެ.
މިލާނުގެ ކޯޗު މަސިމޯ އެލެގްރީ ބުނީ ޒަޕާޓާ އަކީ ޑިފެންސުގެ ކޮންމެ މަގާމަކަށް ކުޅެވޭ ކުޅުންތެރިއެއް ކަމަށާއި އޭނާ އައުމާ އެކު އިތުރު ޑިފެންޑަރެއް ދެން ނުހޯދާނެ ކަމަށެވެ.
އުމުރުން 25 އަހަރުގެ ޒަޕަޓާ އަކީ މިލާނުން ޕީއެސްޖީ އަށް ވިއްކާލި ޑިފެންޑަރު ބްރެޒިލްގެ ތިއާގޯ ސިލްވާގެ ބަދަލުގައި ގެނައި ކުޅުންތެރިއެކެވެ. މިލާނުން ކުރިން ގެންނަން މަސައްކަތްކުރި ފްރާންސުގެ މޮންޓެޕީލޭގެ މަޕޫ ޔަންގާ-އެމްބިވާ ގެނައުމުގެ ވާހަކަތައް މިހާރު ވަނީ ހުއްޓިފަ އެވެ.
އިޓަލީގެ އުދިނޭޒީ އަށް ހަ އަހަރު ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި ވިޔަރެއާލަށް ބަދަލުވި ޒަޕާޓާ ވަނީ ކޮލަމްބިއާ ގައުމީ ޓީމަށް 15 މެޗު ކުޅެދީފަ އެވެ.
މިލާނުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ވެސް ޕީއެސްޖީ އަށް ވިއްކާލާފައިވާއިރު އެ ކްލަބުން އަންނަނީ ރެއާލް މެޑްރިޑުގެ ކަކާ އާއި މެންޗެސްޓާ ސިޓީގެ އެޑިން ޖެކޯ ގެނައުމަށް މަސައްކަތްކުރަމުންނެވެ.

0 comment