ލަންޑަން (އޮގަސްޓް 9) - ލަންޑަންގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލުން ޖެމެއިކާގެ މަޝްހޫރު ދުވުންތެރިޔުާ އުސެއިން ބޯލްޓް ރޭ ޖާގަ ހޯދައިފި އެވެ.
އޮލިމްޕިކްގެ 200 މީޓަރު ރޭހުގެ އެންމެ ފަހުގެ ޗެމްޕިއަން ބޯލްޓް ފައިނަލުން ޖާގަ ހޯދީ ދެވަނަ ސެމީ 20.18 ސިކުންތުން ކާމިޔާބުކުރުމަށް ފަހު އެވެ. ބޯލްޓްގެ ޓްރެއިނިން ޕާޓްނާ ކަމަށްވާ ޖެމެއިކާގެ ޔޯހަން ބްލޭކް ވެސް ވަނީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ބްލޭކް ފައިނަލުން ޖާގަ ހޯދީ 20.01 ސިކުންތުން ކާމިޔާބުކޮށްގެނެވެ. ތިން ވަނަ ވަނަ ސެމީ 20.17 ސިކުންތުން ކާމިޔާބުކުރީ ޗުރަންދީ މާޓީނާ އެވެ.
"މީގައި މުހިންމު ކަމަކީ ވީހާ ވެސް ފަސޭހަކަމާ އެކު ފައިނަލަށް ދެމިގަތުން. އެއީ އަހަރެންގެ އަމާޒަކީ. އަހަރެން ވަރަށް އުފާވެއްޖެ،" މި އަހަރުގެ ޮއޮލިމްޕިކްސްގައި 100 މީޓަރުގެ ރަން މެޑަލް ހޯދައިފައިވާ ބޯލްޓް ބުންޏެވެ. "އަހަރެން މި ހުރީ (ފައިނަލަށް) ތައްޔާރުވެގެން. މިއީ އަހަރެންގެ ފޭވަރިޓް އިވެންޓް. އަހަންނަށް އެނގޭ އަހަރެންގެ ފެންވަރު. އަމިއްލަ ނަފްސާމެދު ކުޑަ ވެސް ޝައްކެއް ނުކުރަން."
ބޯލްޓް ބުނީ 200 މީޓަރުގައި އޭނާ ހަދައިފައިވާ 19.19 ސިކުންތުގެ ރެކޯޑް ފައިނަލްގައި މުގުރާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަންހެނުންގެ 200 މީޓަރުގެ ރަން މެޑަލް އެމެރިކާގެ އެލިސަން ފެލިކްސް ވަނީ ރޭ ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން އޮތް ދެ އޮލިމްޕިކްސްގައި ވެސް މި އިވެންޓުގެ ރިހި މެޑަލް ކަރުގައި އެޅުވި އެލިސަން، ރަން މެޑަލް ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ 21.88 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޭހުގެ ދެވަނަ އަށް ދިޔައީ 100 މީޓަރުގެ ރަން މެޑަލް ހޯދައިފައިވާ ޝެލީ އޭން ޕްރިންސް ޕްރައިސެވެ. ލޯ މެޑަލް ލުބުނީ އެމެރިކާގެ ކާމެލިޓާ ޖެޓާ އެވެ.
ފިރިހެނުންގެ 110 މީޓަރު ހާޑަލްސްގެ ރަން މެޑަލް އެމެރިކާގެ އެރިއެސް މެރިޓް ހޯދީ 12.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. -- އޭއެފްޕީ

އެމްޑީޕީގެ މުޒާހަރާ
0 comment