ގޮތެންބާގް، ސްވިޑަން (އޮގަސްޓް 9) - އާސެނަލްގެ ފޯވާޑް ރޮބިން ވޭން ޕާސީ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
އަންނަ ސީޒަނަށް ފަހު އާސެނަލްގެ ކޮންޓްރެކްޓް ހަމަވާ ވޭން ޕާސީ ކޮންޓްރެކްޓް އާކުރަން ދެކޮޅު ހެދުމާއެކު އޭނާ ވިއްކާލުމަށް އާސެނަލް އަށް ވަނީ ފާޑަކަށް މަޖުބޫރުވެފަ އެވެ. އޭނާ ގެންދިއުމަށް މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް އިން ކުރަމުން އައި މަސައްކަތަށް ކުޑަ ހުއްޓުމެއް އައިސްފައިވުމާ އެކު މި ވަގުތު ކުރީގައި އޮތީ ޔުނައިޓެޑެވެ.
"އަހަރެމެން އެ އޮތީ އޭނާ އަށް ބިޑުކޮށްފައި. އާސެނަލް އިން މަސައްކަތްކުރީ އެހެން ކްލަބްތަކާ އެކު މަޝްވަރާކުރަން. އަހަރެމެންނަށް އޮތީ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުން،" ފާގަސަން ބުންޏެވެ. "ވަރަށް ބޮޑު އުއްމީދެއް އެބައޮތް އޭނާ ގެނެވޭނެ ކަމުގެ. އަހަރެމެން މި އަންނަނީ އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން. އެކަމަކު މި ވަގުތު އަދި ކުރިއެރުމެއް ނެތް."
ފާގަސަން ވަނީ ސްވިޑަންގައި ބާސެލޯނާ އަތުން ޕެނަލްޓީ ޖަހައިގެން 2- 0 އިން ޔުނައިޓެޑް ރޭ ބަލިވި މެޗަށް ފަހު ވަގުތުން މެންޗެސްޓާ އަށް އެނބުރި ގޮހެވެ. ބެލެވޭ ގޮތުގައި އޭނާ އަނބުރި ދިޔައީ ވޭން ޕާސީގެ މަޝްވަރާތަކަށެވެ.
ވޭން ޕާސީ ގެނައުމަށް ފާގަސަން ކުރަމުން އައި މަސައްކަތުގެ ގިޔަރު މަތިކޮށްލީ، ބެލްޖިއަމްގެ އެޑިން ހަޒާޑާއި ބްރެޒިލްގެ ލޫކަސް މޯރާ ގެނައުމުގައި ކުރިމަތިވި ނާކާމިޔާބީއާ އެކު އެވެ. ހަޒާޑް ޗެލްސީ އަށް ދިޔައިރު މޯރާ ބަދަލުވަނީ ޕީއެސްޖީއަށެވެ.
އާ ސީޒަނަށް ޔުނައިޓެޑުން ގެނެސްފައިވަނީ ޖަޕާން މިޑްފީލްޑަރު ސިންޖީ ކަގާވާ އާއި އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ނިކް ޕަވެލް އެވެ.
އުމުރުން 19 އަހަރުގެ މޯރާ ގެންދިއުމަށް ޕީއެސްޖީން 45 މިލިއަން ޔޫރޯ ދިން ކަމަށް ރިޕޯޓްތައް ބުނާއިރު ފާގަސަން ބުނީ އެ އުމުރުގެ ކުޅުންތެރިއަކަށް އެ އަދަދު ދިނުމުން ހައިރާންވާ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީގެ ކުރިން އާސެނަލް އިން ވޭން ޕާސީ ނުވިއްކާނެ އެވެ. ކާމިޔާބީ ނުލިބޭ ކަމަށް ބުނެ ވޭން ޕާސީ ކްލަބް ދޫކޮށްލާއިރު އާސެނަލް އިން ވަނީ ތަށްޓަކަށް ވާދަކުރެވޭ ވަރުގެ ސްކޮޑެއް އެކުލަވާލުމަށް މަޝްހޫރު ބައެއް ތަރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާއި ސްޕެއިނުގެ ސެންޓި ކާޒޯލާ އަދި ފްރާންސްގެ އޮލިވާ ޖިރޯ ހިމެނެ އެވެ.

1 comment