ފުޓްބޯޅަ

އިޓާލިއަން ސުޕަ ކަޕް ޔުވެންޓަސް ކާމިޔާބުކޮށްފި

މުހައްމަދު ހަމްދޫން
12 އޯގަސްޓް 2012 11:47
  • ޔުވެންޓަސްގެ ކުޅުންތެރިން ތަށި އުފުލާލަނީ. --އޭއެފްޕީ

ބެއިޖިން (އޮގަސްޓް 11) - ދެ ކުޅުންތެރިން މަދުކޮށް، ކުޅުނު ނަޕޯލީ އަތުން އިތުރު ވަގުތުގައި 4- 2 އިން މޮޅުވެ އިޓާލިއަން ސުޕަ ކަޕް ޔުވެންޓަސް ރޭ ކާމިޔާބުކޮށްފި އެވެ.

އިޓަލީ ލީގު ޗެމްޕިއަނާއި ކަޕް ޗެމްޕިއަނުންގެ މެދުގައި ޗައިނާގެ ވެރިރަށް ބެއިޖިންގެ ބާޑްނެސްޓް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި ލީޑު ނެގީ ނަޕޯލީންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އުރުގުއޭގެ އެޑިންސަން ކަވާނީ އެވެ. އޭގެ 10 މިނެޓު ފަހުން ޔުވެންޓަސްގެ އަސަމޮއާ ނަތީޖާ ހަހަމަކުރިއިރު، ނަޕޯލީ އަށް އަލުން ލީޑު ލިބުނީ 41 ވަނަ މިނެޓުގައި ގޯރަވް ޕަންޑޭވް ޖެހި ލަނޑުންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕެނަލްޓީ އަކުން އަރުޓޯ ވިޑާލް އެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ނަޕޯލީގެ ޕަންޑޭވް އަށް އަދި 90 ވަނަ މިނެޓުގައި ކަމިލޯ ޒުނިގާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތު ނަޕޯލީ ފެށީ ނުވަ ކުޅުންތެރިންނާ އެކު އެވެ. ރެފްރީއާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން ޕަންޑޭވް އަށް ރަތްކާޑު ދެއްކިއިރު ޒުނިގާ އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކީ ޔުވެންޓަސްގެ ސެބަސްޓިއަން ޖިއޮވިންކޯއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ލިބުނީ ނަޕޯލީގެ ކްރިސްޓިއަން މެޖިއޯ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އަދި ޔުވެންޓަސް ތަށި ޔަގީންކުރީ މިރްކޯ ވުސިނިކް ޖަހައިދިން ލަނޑުންނެވެ.

ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން، ނަޕޯލީން އިނާމު ދިނުމުގެ ރަސްމިއްޔާތަށް ހާޒިރެއް ނުވެ އެވެ.

މިއީ ޔުވެންޓަސްގެ އާ ކެޕްޓަން އަދި އިޓަލީ ކެޕްޓަން ޖިއަންލުއިޖީ ބުފޮންގެ ކެޕްޓަންކަމުގެ ދަށުން އެ ޓީމު ހޯދި ފުރަތަމަ ތަށްޓެވެ. ޔުވެންޓަސްގެ ޒަމާންވީ ކެޕްޓަން އަލްސެންދްރޯ ޑެލް ޕިއޭރޯ ވަނީ މިދިޔަ ސީޒަނަށް ފަހު ކްލަބް ދޫކޮށްލައިފަ އެވެ.

ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، ސިއެނާގެ ކޯޗަކަށް ހުރިއިރު ހިނގި ރިޝްވަތުގެ އަމަލެއްގެ ސަބަބުން 10 މެޗަށް ސަސްޕެންޑްކުރިތާ ދެ ދުވަސް ފަހުން ލިބުނު މި ކާމިޔާބީ އެ ކްލަބުން ހާއްސަކުރީ ކޮންޓޭ އަށެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޔުވެންޓަސް ބަލިވީ އިޓާލިއަން ކަޕުގެ ފައިނަލުގައި ނަޕޯލީ އަތުންނެވެ. ޔުވެންޓަސް އަށް ރޭގެ މެޗުގައި އިރުޝާދު ދިނީ އެ ކްލަބުގެ ބީ ޓީމުގެ ކޯޗެވެ.

އިޓަލީ ލީގު ފަށާނީ އޮގަސްޓް 25 ގަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި