ޗެލްސީ

ޗެލްސީގެ ލުކާކޫ ލޯނެއްގެ ދަށުން ވެސްޓް ބްރޮމް އަށް

މުހައްމަދު ހަމްދޫން
12 އޯގަސްޓް 2012 12:22
  • ޗެލްސީގެ ފޯވާޑް ލުކާކޫ: އޭނާ އަންނަ ސީޒަނުގައި ފެންނާނީ ވެސްޓް ބްރޮމް އިން. --އޭއެފްޕީ

ލަންޑަން (އޮގަސްޓް 11) - ޗެލްސީގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ، ލޯނެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަށް ދޫކޮށްފި އެވެ.

ބެލްޖިއަމްގެ އަންޑަލެކްޓް އިން މިދިޔަ ސީޒަނުގައި ޗެލްސީއާ ގުޅުނު ފޯވާޑަށް މިދިޔަ ސީޒަނުގައި ޗެލްސީގައި މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އޭނާ ވަނީ ފުރުސަތު ނުލިބޭ ނަމަ އެހެން ކްލަބަކަށް ބަދަލުވާން ޖެހިދާނެ ކަމަށް ކުރިން ބުނެފަ އެވެ.

ލުކާކޫ ޗެލްސީ އަށް ބަދަލުވުމުގެ ކުރިން ވެސް އުމުރުން 19 އަހަރުގެ ފޯވާޑް ގެންދަން ޔޫރަޕުގެ ބޮޑު ކްލަބްތަކުން މަސައްކަތްކުރި އެވެ. އަދި މި ސީޒަނުގައި ލޯނެއްގެ ގޮތުގައި ގެންދިއުމަށް ވެސް ކްލަބްތަކުން ހުށަހެޅި އެވެ.

"އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި. މި ފުރުސަތު ވެގެންދާނީ އަހަންނަށް ކަންކަން ދަސްކޮށް ތަޖުރިބާކުރަން ލިބޭ ރަނގަޅު ފުރުސަތަކަށް،" ލުކާކޫ ބުންޏެވެ.

އަނެއްކޮޅުން ލިވަޕޫލުގެ ތަޖުރިބާކާރު ފޯވާޑް ވޭލްސްގެ ކްރެއިގް ބެލަމީ ވަނީ ވޭލްސްގެ ކާޑިފް ސިޓީ އަށް ބަދަލުވެފަ އެވެ. އުމުރުން 33 އަހަރުގެ ފޯވާޑް ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅުނު ދުވަސްވަރު އެ ކްލަބުގެ ލޯނެއްގެ ދަށުން 2010- 2011 އަށް ކާޑިފް އަށް ކުޅެފަ އެވެ. އޭގެ ފަހުން ލިވަޕޫލަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ. ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑުގެ ކުރީގެ ފޯވާޑް އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކާޑިފް އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ރޯމާގެ އާޖެންޓީނާ ޑިފެންޑަރު ގެބްރިއަލް ހެއިންޒޭ ވަނީ އެ ކްލަބް ދޫކޮށް އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއިސް އަށް ބަދަލުވެފަ އެވެ. އާޖެންޓީނާ ގައުމީ ޓީމަށް 2003- 2010 އަށް ކުޅުނު ހެއިންޒޭ، ،34 ކެރިއަރު ފެށީ 1996 ވަނަ އަހަރު އޯލްޑް ބޯއިސް އިންނެވެ. އޭގެ ފަހުން ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި މާސޭ އަށް ވަނީ ކުޅެފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި