ލަންޑަން އޮލިމްޕިކްސް

ދުނިޔޭގެ ރެކޯޑަކާ އެކު ޖެމެއިކާ ރިލޭ ކާމިޔާބުކޮށްފި

ހަސަން ޝިފާން
12 އޯގަސްޓް 2012 12:38
  • އޮލިމްޕިކްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ފައިނަލްގައި ކާމިޔާބުކުރުމަށް ފަހު ޖެމެއިކާގެ ޓީމުން އުފާފާޅުކުރަނީ: މި ރޭސް ޖެމެއިކާ އިން ކާމިޔާބުކުރީ ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ފަހު. -- ފޮޓޯ / އޭއެފްޕީ

  • އޮލިމްޕިކްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ފައިނަލްގައި ޖެމެއިކާގެ ބޯލްޓް ވ(ކ) އާއި އެމެރިކާގެ ބެއިލީ ވާދަކުރަނީ: މި ރޭސް ޖެމެއިކާ އިން ކާމިޔާބުކުރީ ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ފަހު. -- ފޮޓޯ / އޭއެފްޕީ

  • އޮލިމްޕިކްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ފައިނަލްގައި ޖެމެއިކާގެ ބޯލްޓް (ކ) އާއި އެމެރިކާގެ ބެއިލީ (މ) ވާދަކުރަނީ: މި ރޭސް ޖެމެއިކާ އިން ކާމިޔާބުކުރީ ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ފަހު. -- ފޮޓޯ / އޭއެފްޕީ

  • އޮލިމްޕިކްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ފައިނަލްގައި ކާމިޔާބުކުރުމަށް ފަހު ޖެމެއިކާގެ ބޯލްޓް (ކ) އުފާފާޅުކުރަނީ: މި ރޭސް ޖެމެއިކާ އިން ކާމިޔާބުކުރީ ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ފަހު. -- ފޮޓޯ / އޭއެފްޕީ

ލަންޑަން (އޮގަސްޓް 12) - ދުނިޔޭގެ އާ ރެކޯޑަކާ އެކު އޮލިމްޕިކް ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރަން މެޑަލް ޖެމެއިކާގެ ޓީމުން ރޭ ހޯދައިފި އެވެ.

އޮލިމްޕިކްގެ 100 މީޓަރުގެ ޗެމްޕިއަން އުސެއިން ބޯލްޓާއި ޔޯހަން ބްލޭކާއި ނެސްޓާ ކާޓާ އަދި މައިކަލް ފްރޭޓާ ހިމެނޭ ޖެމެއިކާ ޓީމުން ރަން މެޑަލް ހޯދީ 36.84 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް ކުރިން ވެސް އޮތީ ޖެމެއިކާ ޓީމުގެ އަތުގަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ޖެމެއިކާގެ ޓީމުން ހެދި ރެކޯޑަކީ 37.04 ސިކުންތުން ރޭސް ނިންމުމެވެ.

މިއީ ބޯލްޓަށް މި އަހަރު އޮލިމްޕިކްގައި ލިބުނު ތިން ވަނަ ރަން މެޑައްޔެވެ. ބޯލްޓް ވަނީ 100 މީޓަރާއި 200 މީޓަރު ރަން މެޑަލް ވެސް ހޯދައިފަ އެވެ. ބެއިޖިންގައި 2008 ވަނަ އަހަރު އޮތް އޮލިމްޕިކް ގޭމްސްގައި ވާދަކުރި ފަހުން ބޯލްޓް ވަނީ އޭނާ ވާދަކުރި އަށް އިންޑިވިޖުއަލް އިވެންޓުގެ ތެރެއިން ހަތް އިވެންޓު ކާމިޔާބުކޮށްފަ އެވެ.

"މި ގޮތަށް މުބާރާތް ނިންމާލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ބޯލްޓް ބުންޏެވެ. "މިދިޔަ އަހަރު އަހަރެމެން ވޯލްޑް ޗެމްޕިއަންޝިޕުގައި ކާމިޔާބު ހޯދީ. މި އަހަރު އަނެއްކާ ވެސް މި ކާމިޔާބު ހޯދީ. މިއީ ވަރަށް ކާމިޔާބު މުބާރާތެއް. އަހަރެން މި ހުރީ ވަރަށް އުފަލުން."

އިނގިރޭސިވިލާތު މޯ ފަރާހް ވަނީ އިއްޔެ 5000 މީޓަރުގެ ދުވުން ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގެ 10،000 މީޓަރުގެ ދުވުން ވެސް ކާމިޔާބުކުރި ސޯމާލިއާ އަށް އުފަން ފަރާހް 5000 މީޓަރުގެ ދުވުން ކާމިޔާބުކުރީ 13 މިނިޓު 41.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ އަށް ދިޔައީ 13 މިނިޓު 41.98 ސިކުންތުން ރޭސް ނިންމި އިތިއޯޕިއާގެ ޑޭޖެން ގެބްރެސްކެލް އެވެ. މި ރޭހުގެ ލޯ މެޑަލް ހޯދީ ކެންޔާގެ ތޯމަސް ލޮންގޮސްވިއާ އެވެ.

އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭ ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް އެމެރިކާގެ އަންހެން ޓީމުން ރޭ ވަނީ ހޯދައިފަ އެވެ. އޮލިމްޕިކްގެ 400 މީޓަރުގެ ޗެމްޕިއަން ސަންވާ ރިޗާޑްސް ރޮސް އާއި 200 މީޓަރުގެ ޗެމްޕިއަން އެލިސަން ފެލިކްސް ހިމެނޭ އެމެރިކާ ޓީމުން ރޭސް ކާމިޔާބުކުރީ ތިން މިނިޓު 16.87 ސިކުންތުން ރޭސް ނިންމައިގެނެވެ،

ރަޝިއާގެ ދެ އަންހެން އެތުލީޓުން ވަނީ ޓްރެކް އެންޑް ފީލްޑް އިވެންޓުތުގައި ރޭ ރަން މެޑަލް ހޯދައިފަ އެވެ. މާރިޔާ ސަވިއޯނާ 800 މީޓަރުގެ ރޭސް ކާމިޔާބުކުރިއިރު، އަނާ ޗިޗެރޯވާ ވަނީ ހައި ޖަމްޕް އިވެންޓް ކާމިޔާބުކޮށްފަ އެވެ. ސަވިއޯނާ ރޭސް ކާމިޔާބުކުރީ ރިހި މެޑަލް ހޯދި ދެކުނު އެފްރިކާގެ ކެސްޓާ ސެމެންޔާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

އޮލިމްޕިކްގެ ޖެވެލިން އިވެންޓުގެ ރަން މެޑަލް ރޭ ކާމިޔާބުކޮށް، ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކެސްހޯން ވޮލްކޮޓް ވަނީ ޖެވެލިން އިވެންޓުގެ ރަން މެޑަލް ހޯދި އެންމެ ޒުވާން އެތުލީޓަށްވެފަ އެވެ. ވޮލްކޮޓް ، ،19 އަކީ ދުވުމުގެ އިވެންޓެއް ފިޔަވައި އޮލިމްޕިކްގެ އިވެންޓަކުން ޓްރިނިޑާޑަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓެވެ. -- އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި