ލަންޑަން (އޮގަސްޓް 14) - ރެންގެ ފްރާންސް މިޑްފީލްޑަރު ޔާން އެމްވިލާ ގެންދަން ޓޮޓެންހަމް ހޮޓްސްޕާ އިން 15 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅައިފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
އަންދްރޭ ވިޔަސް ބޮއަސްގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ނުކުންނަ ޓޮޓެންހަމް ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމްވިލާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އަދި ޓޮޓެންހަމްގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެ ކްލަބު ދޫކޮށްލަން ބޭނުންވެފައިވާއިރު، ޓޮޓެންހަމް އިން މިޑްފީލްޑް ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ބެލެވެ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ އެމްވިލާ އަށް ގިނަ ކްލަބުތަކުން ޝައުގުވެރިވާ ކަމަށް އަޑު ފެތުރިފައިވާއިރު، 20 މިލިއަން ޕައުންޑްގެ އަގަކަށް އެމްވިލާ ދޫކޮށްލަން ރެން އިން ތައްޔާރަށް އޮތް ކަމަށްވެ އެވެ.
އާސެނަލް އިން އެމްވިލާ ގެންދަން މަސައްކަތްކުރި ނަމަވެސް، އާސެނަލް އިން މިހާރު އެ މަސައްކަތް މަޑު ޖައްސާލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
ފްރާންސް ގައުމީ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ 2009 އިން ފެށިގެން ރެން އަށް 107 މެޗު ކުޅެދީފަ އެވެ.
ފްރާންސުގެ ކުރީގެ ކެޕްޓަން މާސެލް ޑެސާއީ ގޯލް ޑޮޓް ކޮމް އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެމްވިލާ އަކީ ފްރާންސާއި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ޕެޓްރިކް ވިއެރާއަށް ވުރެ މޮޅު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ޕްރިމިއަ ލީގުގެ ކްލަބެއްގެ ޗެއާމަނެއް ނަމަ އެމްވިލާ ގެންދިއުމަށް ކޮންމެ އަގެއް ވެސް ދީފާނެ ކަމަށެވެ.


0 comment