ޖޯސެފު ގާޑިއޯލާ

ބްރެޒިލްގެ ކޯޗުކަން ގާޑިއޯލާއަކަށް ހުށަހެއް ނާޅާ: އޭޖެންޓް

ހަސަން ޝިފާން
18 އޯގަސްޓް 2012 09:16
  • ބާސެލޯނާގެ ކުރީގެ ކޯޗު ގާޑިއޯލާ: ގައުމީ ޓީމަކާ ހަވާލެއް ނުވާނެ. -- ފޮޓޯ / އޭއެފްޕީ

ސައޮ ޕޯލޯ (އޮގަސްޓް 18) - ބްރެޒިލްގެ ކޯޗުގެ މަގާމު، ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ހުށަނާޅާ ކަމަށް އޭނާގެ އޭޖެންޓް ބުނެފި އެވެ.

އޮލިމްޕިކް ގޭމްސްގެ ފައިނަލްގައި މެކްސިކޯ އަތުން ބްރެލިޒް ބަލިވުމާ ގުޅިގެން ބްރެޒިލްގެ ކޯޗު މާނޯ މެނޭޒެސް މަގާމުގައި ދެމިހުންނާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ގާޑިއޯލާ އަށް ބްރެޒިލްގެ ކޯޗުކަން ހުށަހަޅައިފައިވާ ކަމަށް ބްރްެޒިލްގެ ބައެއް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

ގާޑިއޯލާގެ އޭޖެންޓް ޖޯސެޕް މާރިއާ އޮރޮބިޓްގް ބުނީ ބްރެޒިލްގެ ކޯޗުކަން ގާޑިއޯލާ އަށް ހުށަހަޅައިފައި ނުވާ ކަމަށާއި ފުޓްބޯޅައިން ބްރޭކެއް ނަގައި ގާޑިއޯލާ ދަނީ އެމެރިކާގައި އާއިލާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ކަމަށެވެ.

"ބްރެޒިލްގެ ފުޓްބޯލް ފެޑެރޭޝަނުން އަހަންނާ އެއްވެސް ވަރަކަށް ގުޅުމެއް ނުބާއްވާ. އަހަރެން ގާޑިއޯލާއާ ވާހަކަދެއްކިން. އޭނާ އަހަރެން ކައިރީގައި ބުނި އެއްވެސް ބަޔަކާ މި ދުވަސްކޮޅު ވާހަކަ ނުދައްކާށޭ. އެނާ މިހާރު ދިރިއުޅެނީ ނިއުޔޯކްގައި. އަދި އޭނާގެ އަންހެނުންނާ ކުދިންނާ އެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުންދަނީ. އޭނާގެ ދަރިން މިހާރު އެމެރިކާގެ ސްކޫލްތަކުގައި ދަނީ ކިޔަވަމުން،" އޮރޮބިޓްގް ބުންޏެވެ.

އޮރޮބިޓްގް ބުނީ ރަޝިއާގެ ކޯޗުކަން ގާޑިއޯލާ އަށް ހުށަހަޅަން ރަޝިއާގެ ފުޓްބޯލް ޔޫނިއަން އިން މަސައްކަތްކުރި ކަމަށެވެ. އެކަމަކު ފުޓްބޯޅަ އަށް އެނބުރި އަންނައިރު، ގާޑިއޯލާ ބޭނުންވަނީ ކްލަބެއްގައި މަސައްކަތްކުރަން ކަމަށެވެ.

"ހިއެއް ނުވޭ ބްރެޒިލް ނުވަތަ އެހެން ގައުމީ ޓީމަކާ ގާޑިއޯލާ ހަވާލުވެދާނެހެން. އޭނާގެ ޝައުގުވެރިކަން ހުރީ ކްލަބް ފުޓްބޯޅަ އަށް. ހާއްސަކޮށް ޔޫރަޕްގެ ކްލަބަކަށް،" އޮރޮބިޓްގް ބުންޏެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި