ލަންޑަން (އޮގަސްޓް 17) - އާސެނަލްގެ ކެމަރޫން މިޑްފީލްޑަރު އެލެކްސް ސޮންގް އެ ކްލަބް ދޫކޮށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވަނިކޮށް ވެންގާ މިހެން ބުނިއިރު ބާސެލޯނާ އިން ވަނީ ސޮންގް ގެންދިއުމަށް ވަރަށް ބޮޑަށް ހިފައިފަ އެވެ. އެ ކްލަބުން އޭނާ އަށް 19 މިލިއަން ޔޫރޯ ހުށަހަޅާފައިވެ އެވެ.
އާސެނަލް އިން އަންނަނީ ރެއާލް މެޑްރިޑުގެ ތުރުކީ މިޑްފީލްޑަރު ނޫރީ ސާހިން ގެނައުމަށް މަސައްކަތްކުރަމުންނެވެ. ވެންގާ ބުނީ ކުޅުންތެރިން ކްލަބް ދޫކޮށްދާއިރު އެހެން ކުޅުންތެރިން އާސެނަލްއާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"ދެ ކަންތައް ވެސް ވެދާނެ،" ވެންގާ ބުންޏެވެ. "ސޮންގް ވިއްކާލުމާ މެދު އަދި ގޮތެއް ނުނިންމަން. އަދި (ރަސްމީކޮށް) ބިޑެއް ނުކުރޭ އެއްވެސް ބަޔަކު."
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ވެން ޕާސީ މަޑުކުރުވުމަށް ވެންގާ ބޭނުންވި އެވެ. ނަމަވެސް ކޮންޓްރެކްޓް އާނުކުރަން ވެން ޕާސީ ނިންމުމާ އެކު، އަންނަ ސީޒަނުގައި އޭނާ ހިލޭ ދޫކޮށްލުމުން ސަލާމަތްވާން ވެންގާ އަށް މަޖުބޫރުވީ ވެން ޕާސީ ވިއްކާލާށެވެ. ވެންގާ ބުނީ ވެން ޕާސީ ވިއްކާލަން ނިންމި ނިންމުމަކީ "ދިރުވާލަން އުނދަގޫ ހިތި ބޭސް ގުޅައެއް" ކަމަށެވެ.
"ކޮންޓްރެކްޓުގައި އެއް އަހަރު އޮތުމުން އޭނާ ވިއްކާލުން ނޫން ގޮތެއް ނެތް. އަނެއްކާ އޭނާ ބޭނުންވޭ ކްލަބް ދޫކޮށްލަން،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ މިދިޔަ ސީޒަނުގައި އާސެނަލްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ސޮންގް ވިއްކާލަން ޖެހުމަކީ މާބޮޑު މައްސަލައެއް ނޫން ކަމަށާއި އޭނާގެ ކްލަބުގައި މޮޅު މިޑްފީލްޑަރުން އެބަތިބި ކަމަށެވެ.
"މިއަދު ވެސް ހައެއް ނޫނީ ހަތް މިޑްފީލްޑަރުން އެބަ ތިބި ޓީމުގައި. އަދި ޖެކް ވިލްޝެއާ އާއި އެމެނުއެލް ފްރިމްޕޮންގް އަންނާނެ. މިކޭލް އާޓެޓާ އާއި ސަންޓި ކާޒޯލާ އާއި އާރޮން ރެމްސީ އާއި އެލެކްސް އޮކްސްލޭޑް ޗެމްބަލައިން އަކީ ވެސް ސެންޓްރަލް މިޑްފީލްޑަރުން. މިޑްފީލްޑް ޒޯނާ މެދު ގޮތްތައް ނިންމޭނެ ވަރަށް ހަމަޖެހިލައިގެން،" ވެންގާ ބުންޏެވެ.
އުމުރުން 17 އަހަރުގައި އާސެނަލްއާ 2005 ވަނަ އަހަރު ގުޅުނު ސޮންގ، ،24 އާސެނަލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2014 ވަނަ އަހަރު އެވެ.
ތަށްޓެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާ އާސެނަލްގެ މުހިއްމު ތަރިންގެ ތެރެއިން ސެސް ފެބްރިގާސް އާއި ސާމިރު ނަސްރީ ކްލަބް ދޫކޮށްލީ މިދިޔަ ސީޒަނުގަ އެވެ. ވެންގާ ބުނީ ޓީމާ އަލަށް ގުޅުނު ލޫކަސް ޕޮޑޮލްސްކީ އާއި އޮލިވާ ޖިރޯ އަދި ކާޒޯލާއާ އެކު އާސެނަލް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.
"އަހަރެން ހިތާމަކުރަން މުހިއްމު ކުޅުންތެރިޔަކު ކްލަބް ދޫކޮށް ދިޔައީތީ. އެކަމަކު މި ހާލަތް މެދުވެރިވެދާނެތީ މަޝްހޫރު ބައެއް ތަރިން އަހަރެން ގެނައީ،" ވެންގާ ބުންޏެވެ.
ވެން ޕާސީ ދިއުމާ އެކު އާސެނަލްގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ބެލްޖިއަމް ޑިފެންޑަރު ތޯމަސް ވާމެލެއިން އެވެ. ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ސްޕެއިނުގެ އާޓެޓާ އެވެ.

0 comment