ލަންޑަން (އޮގަސްޓް 17) - މެންޗެސްޓާ ޔުނައިޓެޑުގެ އިންގްލެންޑް ޑިފެންޑަރު ރިއޯ ފާޑިނަންޑް ކުރި ޓްވީޓެއްގެ މައްސަލައިގައި، އަދަބާ ހިލާފުވި ކަމަށް ބަލައި އިނގިރޭސި އެފްއޭ އިން އޭނާ 45،000 ޔޫރޯ އިން ޖޫރިމަނާކޮށްފި އެވެ.
ޗެލްސީގެ އިންގްލެންޑް ޑިފެންޑަރު އޭޝްލީ ކޯލްއަކީ "ޗޮކް-އައިސް" (ވެނީލާ ޗޮކްލެޓް މެގްނަމެއް) ކަމަށް ބުނެ މީހަކު ކުރި ޓްވީޓް އެންޑޯޒްކުރި މައްސަލައިގައި އެފްއޭ އިން ދައުވާކުރީ ކޯލްއާ ނަސްލީ ގޮތުން ފާޑިނަންޑް ދިމާކުރި ކަމަށެވެ. މައްސަލަ ބެލި މިނިވަން ކޮމިޝަނުން ވަނީ ފާޑިނަންޑް އަދަބާ ހިލާފުވެފައިވާ ކަމަށް ނިންމައިފަ އެވެ.
މި މައްސަލައިގައި ފާޑިނަންޑަށް ކުރިމަގުގައި މިފަދަ ކަމެއް ނުކުރުމަށް އިންޒާރު ދީފައިވާ އިރު މެންޗެސްޓާ ޔުނައިޓެޑުން ވަނީ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފަ އެވެ.
ކޯލްއާ މެދު ފާޑިނަންޑް ހިތްހަމަނުޖެހުނީ އޭނާގެ ކޮއްކޮ އެންޓަން ފާޑިނަންޑާ ނަސްލީ ގޮތުން ޗެލްސީގެ ޖޯން ޓެރީ ދިމާކުރި މައްސަލައިގައި ޝަރީއަތުގައި އެންޓަންއާ ދެކޮޅަށް ކޯލް ހެކި ބަސް ދިނުމުންނެވެ. ޝަރީއަތުގައި ކޯލް ބުނެފައިވަނީ އެންޓަންއާ ނަސްލީ ގޮތުން ޓެރީ ދިމާކުރި އަޑު ނާހާ ކަމަށެވެ.
ފާޑިނަންޑް ބުނެފައިވަނީ ކޯލްއާ ދިމާލަށް "ޗޮކް-އައިސް" އެކޭ ބުނެފައިވަނީ ނަސްލީ ގޮތުން ދިމާކުރުމަށް ނޫން ކަމަށާއި އެއީ އޭނާ އަކީ އެތެރެ ހުދު އަދި ބޭރު ކަޅު ނުވަތަ ފޭކު މީހެއްގެ ގޮތުގައި ސިފަކުރުމަށް ބުނެފައިވާ އެއްޗެއް ކަމަށެވެ. --އޭއެފްޕީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment